ވެމްކޯ އިން ގެނައި މި އުޅަނދަކީ ފެން ޖަހައިގެން މަގުތައް ދޮންނަން ވެސް ބޭނުން ކުރެވޭ އުޅަނދެކެވެ.
ރާއްޖޭގެ ކުނި މެނޭޖު ކުރުމުގައި ހަރަކާތެރިވާ ސަރުކާރުގެ ކުންފުނި، ވެމްކޯ އިން މަގު ކުނި ކަހަން ހާއްސަ ވެހިކަލެއް ގެނެސް ބޭނުން ކުރަން ފަށައިފި އެވެ.
ވެމްކޯގެ ސްޓޭޝަން ޖެނެރަލް މެނޭޖަރު ހުސެއިން އިބްރާހިމް ވިދާޅުވީ މަގު ކުނި ކަހާ ސާފު ކުރާން ބޭނުން ކުރާ މި ވެހިކަލަކީ ބޭނުންވެއްޖެނަމަ ފެން ޖެހުމުގައި ވެސް ބޭނުން ކުރެވޭނެ އުޅަނދެއް ކަމަށާ މި އުޅަނދު ބޭނުން ކުރާނީ ހުޅުމާލޭގަ އެވެ.
"މާލޭގެ މަގުތައް ހުރި ގޮތުން އެ ބޭނުމެއް ނުކުރެވޭނެ މާލެ އަކު. އެކަމަކު ހުޅުމާލެ ތާރު މަގުތަކުގައި ބޭނުން ކުރެވޭނެ. މަގުތަކުގެ ޑަސްޓް ސާފުކޮށް ބަލަހައްޓަން ވެސް މީގެ ބޭނުން ކުރެވޭނެ،" ހުސެއިން ވިދާޅުވި އެވެ.
ވެމްކޯ އިން ދަނީ އެ ކުންފުނީގެ ހިދުމަތް ރަނގަޅުކޮށް ސަރުކާރު ބަޖަޓުން ހަރަދު ނުކޮށް ހިންގާ ކުންފުންޏަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންނެވެ. މި މަގުސަދުގައި އެ ކުންފުނިން ދާދި ފަހުން ވަނީ ރިސޯޓްތަކުން ކުނި އުކާލުމުގެ މަސައްކަތުގެ އިތުރުން އޮފީސްތައް ފޮޅައި ސާފު ކުރުމުގެ ވިޔަފާރިއަށްވެސް ވަދެފަ އެވެ.
ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ވިދާޅުވި ގޮތުގައި ސަރުކާރުން ހަވާލުވިއިރު އެ ކުންފުނީގައި ވަރަށް ގިނަ މުވައްޒަފުން ތިއްބެވެ. ފުރަތަމަ ދުވަސްކޮޅު މުސާރަ ދޭން ވެސް ވަރަށް ބޮޑަށް ދަތިވެގެން ދިޔަ ކަމަށެވެ. އެކަމުން އަރައި ގަންނަން ތަފާތު އެކި ހިދުމަތްތައް މިހާރު ތައާރަފް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން އަތުގަ އައިޑަލްކޮށް އެއްވެސް ސްޓާފެއް ނުހުންނާއޭ، ސްޓާފުން އަޅުގަނޑުމެން ފުލީ ޔޫޓިލައިޒް ކުރާނެއޭ. ރިސޯސް މިތާނގަ އެންމެ ބޮޑަށް، ކުންފުންޏެއް ވެއްޖިއްޔާ ރިސޯސް އައިޑަލްކޮށް ނުބާއްވާ ފުލީ ޔޫޓިލައިޒްކޮށްގެން އޭގެ ނަފާ މި އަންނަނީ،" މުޖުތަބާ ވިދާޅުވި އެވެ.
އެންމެ މުހިންމު ހިދުމަތަކަށް އޭނާ ފާހަގަކުރެއްވީ ޕްރޮޖެކްޓްތައް ހިންގުމަށް އަލަށް އުފެއްދި ޑިޕާޓްމެންޓެވެ. އެ ޑިޕާޓްމެންޓް ގާއިމް ކުރުމުގެ ބޭނުމަކީ ވެމްކޯއިން ކުރާ ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުމެވެ. އެ ޑިޕާޓްމެންޓް އުފެއްދި ފަހުން މަހަކު ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.