"އަޅުގަނޑު ދެކެން ބޭނުންވަނީ މި ދައުރު ނިމިގެންދާއިރު، 2028 އާ ހަމައަށްދާއިރު އަޅުގަނޑު ވައުދުވީ ގޮތަށް ރާއްޖޭގަ ގެދޮރުވެރިކަމަށް އެކްސެސް ނުލިބޭ އެކަކުވެސް ނުބަހައްޓަން، އެތަން ދެކެން ބޭނުންވަނީ،" ރައީސް ވިދާޅުވި އެވެ.
ފަސް ޕަސެންޓް އިންޓަރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަކީ ދާއިމީ ކަމެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުގައި އެކަމަށް ހާއްސަކޮށްގެން އެއް ބިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މިއަދު ވަނީ ފަސް ޕަސެންޓް ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް، ހިޔާވަހި ފައިނޭންސިން ސްކީމު ތައާރަފުކޮށްފަ އެވެ. އެ ސްކީމް އިފްތިތާހު ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސްކީމް ހިންގަން އެމަނިކުފާނު ވެރިކަމުގައި ހުންނަވާ ކޮންމެ އަހަރަކު ބަޖެޓުގައި ފައިސާ ހިމްނާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް އިސްކަންދެން ވައުދުވެފަ އޮންނަ ގޮތަށް ކުރާނެ ކަމަށް ބުނި ގޮތަކަށް މިކަމެއް ކުރެވޭތޯ. އަޅުގަނޑުމެންގެ މުޅި ޓީމް، ސަރުކާރުގެ ހުރިހާ ބޭފުޅުން މަސައްކަތް ކުރަމުން ދަނީ އެކަމަކަށް،" ރައީސް ވިދާޅުވި އެވެ.
މިއަދު ތައާރަފް ކުރި ފައިނޭންސިން ސްކީމުގެ ދަށުން ތިން ކެޓަގަރީއެއްގެ ފައިނޭންސިން ސްކީމު ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގުރާމުގައި ހިމެނެނީ އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ ލޯނާއި، ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް ދޫކުރާ ލޯނުތަކާއި، މާލޭގެ ސަރަހައްދުގައި ގެދޮރު އެޅުމަށް ދޫކުރާ ލޯނުތަކެވެ.
މިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ގެދޮރުވެރިކަމުގެ މައްސަލައަށް އެންމެ ފުރިހަމަ މާނައިގައި ހައްލު ލިބި، ނަތީޖާ ފެންނަން ފަށާނެ ކަމަށެވެ.
"އަޅުގަނޑު ދެކެން ބޭނުންވަނީ މި ދައުރު ނިމިގެންދާއިރު، 2028 އާ ހަމައަށްދާއިރު އަޅުގަނޑު ވައުދުވީ ގޮތަށް ރާއްޖޭގަ ގެދޮރުވެރިކަމަށް އެކްސެސް ނުލިބޭ އެކަކުވެސް ނުބަހައްޓަން، އެތަން ދެކެން ބޭނުންވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މި ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމެނި ނަމަވެސް، ބޭންކްތަކަށް އިންވެސްޓް ކުރުމަށް ޖުމްލަ ދެ ބިލިއަނާ ގާތްކުރާ އަދަދަކަށް ލޯނު ދޫކުރެވިގެންދާނެ ކަމަށެވެ. މި ލޯނުތައް ދޫކުރާނީ ހައުސިން ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށެވެ. އާބަން ސެންޓަރުތަކަށާއި މާލެއަށް ދޫކުރާ ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) މެދުވެރިކޮށެވެ.
"އަޅުގަނޑު ހަމަ އެދެން މީގެ ފުރިހަމަ ބޭނުން ރައްޔިތުން ހިތްޕެވުމަށް. ކޮންމެ އަހަރަކު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ދެންނެވި ފަދައިން އެއް ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި ފަންޑަށް ހަމަޖެހިގެންދާނެ. އަދި މީގެ އިފެކްޓިވް ނަތީޖާއަކީ ދެ ބިލިއަން ރުފިޔާގެ ލޯނު ކޮންމެ އަހަރަކު ވެސް ލިބުމުގެ ފުރުސަތު ލިބޭނެ،" ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ބޮޑުބައި ހާއްސަކުރައްވާފައި ވަނީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނެސްދެއްވާނޭ ކަމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދު ފުއްދެވުމަށް ކަމަށެވެ. އެގޮތުން އެކި ފަރާތްތަކާ ހަވާލުކޮށްގެން ގެދޮރު އިމާރާތް ކުރުމަށްފަހު ރައްޔިތުންނަށް ދޫކުރުމަށް 1.5 ބިލިއަން ބަޖެޓް ކޮށްފައިވާނެކަން ވެސް ފާހަގަކުރެއްވި އެވެ.
ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން ލޯނަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްއަށެވެ. މި ލޯނާ ގުޅޭ ތަފްސީލުތައް މާދަމާ ގެޒެޓް ކުރާނެ އެވެ. މި ޕްރޮގްރާމުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.