ޗައިނާގެ ހިލޭ އެހީގެ ދަށުން ހިންގާ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ނިމޭއިރު މާލެއަށް ކުރިމަތިވެފައިވާ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ފަދަ މައްސަލަތަކަށް ދާއީމީ ހައްލެއް ލިބޭނެ އެވެ.
މި ސަރުކާރުން އިއުލާނުކޮށްފައިވާ މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭ ހެދުމަށް ޗައިނާގެ ޓީމެއް ރާއްޖެއަށް އަތުވެއްޖެ އެވެ.
މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި އަހަރުގެ ޖަނަވަރީގައި ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ޗައިނާގެ ހިލޭ އެހީގައި ހިންގުމަށް އެއްބަސްވެވުނު މަޝްރޫއެކެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ޗައިނާއިން ޖުމްލަ 130 މިލިއަން އެމެރިކާ ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ދިނުމަށްވަނީ ނިންމާފަ އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީން އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަޝްރޫއު ހިންގުމަށް ހަދަންޖެހޭ ސާވާގެ މަސައްކަތްކުރުމަށް ޗައިނާގެ ޓީމެއް ފާއިތުވި އާދީއްތަ ދުވަހު ރާއްޖެއަށް އައިސްފައިވާ ކަމށެވެ.
އިއްޔެ މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ޓީމެއް ޗައިނާއިން އައި ޓީމާއެކު ބައްދަލުވުމެއް ބާއްވައި އެ މަޝްރޫއުގެ ސާވޭއާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.
މަޝްރޫއު ހިންގުމަށް ބޭނުންވާ ސާވޭ ހެދުމާއި ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމުގައި މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މަގުތަކުގެ ޑިޒަައިން ތައްޔާރުކުރާނީ މި ސާވޭއިން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
The Expert Team appointed by the Government of China to carry out the feasibility study of the Redevelopment of Male’ and Villimale’ Road Project arrived on 3rd November 2024.
— Ministry of Construction and Infrastructure (@MoCImv) November 4, 2024
Today, the Ministry held an introductory session with the team, which was presided over by Minister of… pic.twitter.com/EqZSWFHUmD
މާލޭގެ ގިނަ މަގުތަކަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހެދި މަގުތަކެކެވެ. އޭގެ ފަހުން އިތުރަށް މަރާމާތުކޮށް އަލަށް ހަދާފައިވަނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހެދި މަޖީދީމަގާއި ބޮޑުތަކުރުފާނުގެ މަގުގެ އިތުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހެދި އަމީނީމަގެވެ.
ގައު އަޅައިގެން ހަދާފައިވާ މަގުތައް ބާވެ މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު މަގުތައް ފަރުމާކޮށްފައި ހުރި ގޮތުންނާއި ވަޅުލާފައިވާ ނަރުދަމާއާއި ފެން ހިންދުމުގެ ނިޒާމުތައް މާލޭގެ އާބާދީއާ އެކަށޭނެ މިންވަރަށް އަދާހަމަކުރެވިފައިނުވާތީ ގިނަ މައްސަލަތައް އަންނަނީ ކުރަމަތިވަމުންނެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން ޗައިނާގެ ހިލޭ އެހީގައި ހިންގާ މަގުހެދުމުގެ މަޝްރޫއުގެ ސަބަބުން މާލޭގެ މަގުތަކަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތައް ހައްލުކުރެވޭނެ އެވެ. އެގޮތުން އެ މަޝްރޫއު ނިމޭއިރު މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.