ކާޑެއްދޫ އެއާޕޯޓުގައި ހުރި މައްސަލަތައް ދެނެގަންނަން ވިލާ ކުންފުނި ކޮމެޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފަ އެެވެ.
ވިލާ އެއާ އިން ހިންގާ ގދ. ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ގޯސްވެފައިވާތީ ހާލަތު ރަނގަޅު ކުރަން އެސްއޯއީ ކޮމެޓީން މަސައްކަތް ފަށަން ނިންމައިފި އެވެ.
ހުވަދު އަތޮޅަށް ގިނަ އަދަދެއްގެ ދިވެހިންނާއި ޓޫރިސްޓުން ދަތުރު ކުރާ އެންމެ މުހިންމު އެއް އެއާޕޯޓް ކަމަށްވާ ވިލާ އެއާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގައި ހުރި ގިނަ މައްސަލަތަކެއް ހައްލު ކުރަން މަސައްކަތް ފަށަން ހުށަހެއްޅުއްވީ ހުވަދު އަތޮޅު ތަމްސީލް ކުރައްވާ އެއް މެންބަރު ކަމަށްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.
މަޖިލީހުގައި މިއަދު ބޭއްވި އިގްތިސޯދީ ކޮމެޓީގައި ސައުދުﷲ ވިދާޅުވި ގޮތުގައި، ކާޑެއްދޫ އެއާޕޯޓަކީ ހުވަދޫ ޓޫރިޒަމްގެ މުހިންމު ތަނަކަށްވީ ނަމަވެސް އެތަން މިހާރު އޮތީ ނުބެލެހެއްޓި ހާލަތު ގޯސްވެފަ އެވެ.
ސައުދު ވަނީ ވަރަށް އާދައިގެ ކަންކަންވެސް ހައްލު ނުވާކަން ފާހަގަ ކުރެއްވާފަ އެވެ. މިގޮތުން އޭނާ ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި އެއާކޯން ފަދަ އެއްޗިހި ނައްޓާލައި، ފާރުގައި ކުލަކޮޅެއް ލުން ފަދަ ކަންކަންވެސް ނުކުރެވި ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިއީ އެންމެ ގިނަ ޓޫރިސްޓުން ބޭނުން ކުރާ އެއާޕޯޓް. މިތަނަަށް ދާ ޓޫރިސްޓުންނަކަށް ނޭނގޭނެ މިތަން ހިންގަނީ ވިލާއިން ކަމެއް ނޫނީ ދައުލަތުން ކަމެއް. އެކަަމަކު މިހާރު އެތަން ހުރި ހާލަތުން ރާއްޖެ އަށް ވަރަށް ހުތުރުނަން ލިބޭނެ،" ސައުދުﷲ ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެކަން ހައްލުކުރަން ހުރެވިދާނެ ކަންކަމާމެދު ވިލާ އެއާގެ މެނޭޖުމަންޓާއެކު މަޝްވަރާތަކެއް ކުރަންވެސް ކޮމެޓީން ވަނީ ނިންމާފަ އެވެ. މިގޮތުން ވިލާ އެއާ، އިގްތިސޯދީ ކޮމެޓީއަށް ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ.
ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއާޕޯޓުތަކުން އެއް އެއާޕޯޓެވެ. އެތަން އަދިވެސް ހުރީ އެންމެ ކުރީން ހެދި ގޮތަށެވެ. އެތަނަކީ މިޒަމާނަށް ބަލާއިރު ބޭނުންކުރަން ހެޔޮވާވަރު އެއާޕޯޓެއް ނޫން ކަމަށް ހުވަދޫ މީހުން ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓްއަކީ ސަރުކާރުން ވިލާއަށް 50 އަހަރަށް ކުއްޔަށް ދީފައިވާ އެއާޕޯޓެކެވެ. މި ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ތަންފީޒު ކުރުމުގެ ގޮތުން އެ އެއާޕޯޓް ނެގީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ 2022 ވަނަ އަހަރު މެއި މަހުގެ 10 ވަނަ ދުވަހު އެވެ. މި ހުކުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެއާޕޯޓް ވަނީ އަލުން ވިލާއަށް ހަވާލުކޮށްފަ އެވެ.