އެލައިޑުން މި ހިދުމަތް ދޭން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް މި ހިދުމަތް މިހާރު ލިބޭނެ އެވެ.
ހޮސްޕިޓަލުތަކުން އައުޓް ޕޭޝަންޓުކޮށް ހޯދާ ހިދުމަތްތަކަށް އެލައިޑް އިންޝުއަރެންސް އިން ހުއްޓާލާފައި އޮތް ކޭޝްލެސް ހިދުމަތް އެ ކުންފުނިން އަލުން ފަށައިފި އެވެ.
ސިއްހީ ހިދުމަތް ދޭ ތަންތަނުން އައުޓް ޕޭޝަންޓްކޮށް ހިދުމަތް ހޯދާ ބަލި މީހުންނަށް އަލިއްލަ އިންޝުއަރެންސް އޮންނަ ނަމަ އާސަންދަ ނުލިބޭ ގޮތަށް އެ ކުންފުނިން ނިންމީ ހުކުރު ދުވަހު އެވެ. މި ބަދަލު ގެނައީ ސަރުކާރުން ފަށާފައިވާ އާސަންއިގެ ވޭސްޓް ކުޑަ ކުރުމުގެ މަސައްކަތުގެ ދަށުންނެވެ.
އާސަންދައިން ގެނައި މި ބަދަލާއެކު ބައެއް ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން ވަނީ އައުޓް ޕޭޝަންޓުކޮށް ހިދުމަތް ހޯދާއިރު ދޭ ކޭޝްލެސް ސާވިސް މެދުކަނޑާލާފަ އެވެ.
މި ބަދަލު ގެނައުމުން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޮސްޕިޓަލު ތަކުން މުޅި ހިދުމަތަށް އިއްޔެއިން ފެށިގެން ފައިސާ ނަގަމުން ގެންދިޔަ އެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނިން ވަނީ އަލުން މި ކޭޝްލެސް ހިދުމަތް ރުޖޫއަކޮށް ދޭން ފަށާފަ އެވެ.