"އައިޔޫއެމް އިތުރު ހަރުފަތަކަށް ގެންދަން އަންނަ އަހަރު މަސައްކަތް ފަށާނަން"

"އަޅުގަނޑަށް ޔަގީން ކުރެވެނީ 2025 ވަނަ އަހަރަކީ މި ޖާމިޔާ [ޔުނިވާސިޓީ] އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާނެ އަހަރަކަށް. އެކަމުގެ އުފާވެރިކަމުގެ ހަބަރު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް މިއަދު އަރުވަން،"

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިތުރު ހަރުފަތަކަށް ގެންދިއުމަށް އަންނަ އަހަރު މަސައްކަތް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އައިޔޫއެމްގެ ފަރާތުން އިއްޔެ ބޭއްވި މަހްފަލުލްގުރުއާނިލްކަރީމްގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ވަރަށް ތަފްސީލުކޮށް އައިޔޫއެމްއާ ބެހޭ ތަސައްވުރު ބަޔާންކޮށްފައިވާ ކަމަށާއި، މި ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކުރެވެނީ 2025 ވަނަ އަހަރަކީ މި ޖާމިޔާ [ޔުނިވާސިޓީ] އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތްތަކެއް ސަރުކާރުން ފައްޓަވާނެ އަހަރަކަށް. އެކަމުގެ އުފާވެރިކަމުގެ ހަބަރު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް މިއަދު އަރުވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެ ޔުނިވާސިޓީގައި ދިވެހި ދަރިވަރުންގެ އިތުރުން ބޭރުގެ މުސްލިމް ފަރާތްތަކުން ވެސް ތައުލީމު ހާސިލް ކުރާ މަރުކަޒަކަށް ހެދުން ކަމަށެވެ. ކީރިތި ގުރުއާނުގެ އިލްމު ކުރިއަރުވައި، ގުރުއާނަށާއި އިސްލާމީ ތައުލީމާއި ތަރުބިއްޔަތަށް ލޯބި ޖެއްސުމަށް އެ ޔުނިވާސިޓީން ކުރަމުންދާ މަސައްކަތަށް މިނިސްޓަރު ވަނީ މަރުހަބާ ވެސް ދަންނަވާފަ އެވެ.  

ޝަހީމް ވަނީ އައިޔޫއެމް އުފެދުމުގެ ކުރިން އެތަނުގައި ހިންގި މައުހަދުއް ދިރާސާތުލް އިސްލާމިއްޔާގެ ހަނދާންތައް ވެސް ކޮންމެވެސް ވަރަކަށް އާކުރައްވާފަ އެވެ. އެގޮތުން އެތަނުން ތަމްރީނު ކުރާ އިމާމުން ރަށްރަށުގައި ގުރުއާން ކްލާސްތައް ހިންގި ކަމަށާއި، އޭރުވެސް އެ މަރުކަޒުން މަސައްކަތް ކުރީ މުޅި ރާއްޖޭގައި ގުރުއާނަށް ލޯބި ޖެއްސުމަށް ކަމަށް ވިދާޅުވި އެވެ. ވަރަށް އިހުލާސްތެރި ހަރުދަނާ މަސައްކަތްތަކެއްގެ ތެރެއިން، ރީތިކޮށް މަހުރަޖަށް ގުރުއާން ކިޔަވާ ދަރިންތަކެއް މައުހަދުން ތަމްރީނު ކުރިކަމަށާއި އޭގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އައިޔޫއެމް އިން ކީރިތި ގުރުއާނުގެ އިލްމު މުޅި ރާއްޖޭގައި ފެތުރުމަށް ކުރާ ހުރިހާ މަސައްކަތަކަށް އިސްލާމިކް މިނިސްޓްރީން އަބަދުވެސް ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.