ރާއްޖޭގެ ޖުމްލަ އެކްސްޕޯޓު ނިމުނު އަހަރަށްވުރެ ދަށް ނަމަވެސް ރާއްޖޭގެ ރީއެކްސްޕޯޓު މި އަހަރު ނިމުނު އަހަރަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.
ރާއްޖެއަށް އެތެރެކުރުމަށްފަހު ރާއްޖެއިން ބޭރުކުރާ މުދަލުގެ ތެރެއިން ޖެޓް ފިއުލް ފިޔަވައި އެހެނިހެން މުދާ ބޭރުކުރި މިންވަރު 27.4 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ އެކްސްޕޯޓު ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރުވަނީ ދަށްވެފަ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި 300.1 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު މި އަހަރު އެކްސްޕޯޓުކޮށްފައިވަނީ 284.4 މިލިއަން ޑޮލަރުގެ މުދަލެވެ.
ރާއްޖޭގެ ޖުމްލަ އެކްސްޕޯޓު ދަށްވި މައިގަނޑު ސަބަބަކީ ދާހިލީ އުފެއްދުންތަކުގެ އެކްސްޕޯޓު ދަށްވުމެވެ. ދާހިލީ އުފެއްދުމެއްގެ ގޮތުގައި ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކުރަނީ މަހާއި މަހުގެ އުފެއްދުންތައް ކަމަށްވާއިރު، މަހާއި މަހުގެ އުފެއްދުންތައް ބޭރުކުރާ މިންވަރު މި އަހަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި މަހުގެ އެކްސްޕޯޓު 113.5 މިލިއަން ޑޮލަރުގައި ހުރިއިރު މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް އެކްސްޕޯޓުކޮށްފައިވަނީ ޖުމްލަ 64.5 މިލިއަން ޑޮލަރުގެ މަހާއި މަހުގެ އުފެއްދުންތަކެވެ.
ޖުމްލަ އެކްސްޕޯޓާއި ދާހިލީ އުފެއްދުންތަކުގެ އެކްސްޕޯޓު ދަށްވި ނަމަވެސް މި އަހަރު ރީއެކްސްޕޯޓުވަނީ އިތުރުވެފަ އެވެ. ރީ-އެކްސްޕޯޓު އިތުރުވީ މައިގަނޑު ގޮތެއްގައި ޖެޓް ފިއުލުގެ އެކްސްޕޯޓު އިތުރުވުމުންނެވެ. ޖެޓް ފިއުލުގެ އެކްސްޕޯތަކީ ރާއްޖެއަށް ދަތުރުކުރާ ބޭރުގެ އެއާލައިންތަކުގެ މަތިންދާބޯޓުތަކަށް ތެޔޮ އެޅުމެވެ.
އެގޮތުން ނިމުނު އަހަރު އެކްސްޕޯޓުކޮށްފައިވަނީ 136.3 މިލިއަން ޑޮލަރުގެ ޖެޓް ފިއުލެވެ. މި އަހަރު އެ އަދަދުވަނީ 158.7 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއީ %16.4ގެ އިތުރުވުމެކެވެ.
ޖެޓް ފިއުލުގެ އިތުރަށްވެސް އެހެނިހެން ބައެއް މުދަލުގެ ރީއެކްސްޕޯޓު އިތުރުވެފައިވެ އެވެ. ޖެޓްފިއުލް ފިޔަވައި ރާއްޖެއަށް އިމްޕޯޓުކުރުމަށްފަހު މިދިޔަ އަހަރު އެކްސްޕޯޓުކޮށްފައިވަނީ 41.9 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރު އެ އަދަދުވަނީ 53.4 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
ޖެޓް ފިއުލް ނޫން މުދާ ރީ-އެކްސްޕޯޓު ކުރި މިންވަރު އިތުރުވެފައިވާއިރު އެމްއޭސީއެލް އަދި އެމްޕީއެލް ގުޅިގެން ސީ ޓު އެއާ ކާގޯގެ ހިދުމަތް މިހާރުވަނީ ފަށާފަ އެވެ. އެ ހިދުމަތް ދިނުމުގައި ބޭރުގެ ބޮޑެތި އެއާލައިންތަކުން އަންނަނީ ބައިވެރިވަމުންނެވެ.
އެ ހިދުމުުތުގައި ބައިވެރިވާ ވަރަށް ގިނަ ފަރާތްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހިދުމަތް އަންނަނީ ވަރަށް ހަލުއިކޮށް ފުޅާވަމުންނެވެ. އެ ހިދުމަތް މެދުވެރިކޮށް މައިގަނޑުކޮށް އެކްސްޕޯޓުކުރަމުން އަންނަނީ ބަންގުލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.