"މީ ރާއްޖޭގެ ތާރީހުގައިވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު އަދަދެއް ހިމަނާ ބަޖެޓް"

"މީ ދިވެހިރާއްޖޭގެ ތާރީހުގަ ދުވަހަކުވެސް ބަޖެޓުގަ ޖަހައިގެން ރައީސުލްޖުމްހޫރިއްޔާއެއްގެ [ތަސައްވަރާ އެއްގޮތަށް] ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ، މިއާ ގާތަށްވެސް މަސައްކަތެއް ކުރެވި މަޝްރޫއެއް ހިންގިފައެއް ނޯންނާނެ،"

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރާއްޖޭގެ މުޅި ތާރީހުގައި ވެސް ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން އެންމެ ބޮޑު އަދަދެއް ހިމަނާފައިވާ ބަޖެޓު ކަމަށާއި، އަންނަ އަންނަ އަހަރު ގެދޮރުވެރިކަމުގެ "ރަންޒަމާނެއް" ފެނިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގެދޮރު ބިނާކުރުމުގެ މަޝްރޫއުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ބަޖެޓަށް ސަރުކާރުން ދީފައިވާ ނަމަކީ ވެސް ގެދިރުވެރިކަމުގެ ބަޖެޓެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ ވަރަށް ބޮޑެތި ތަކުލީފުތަކަކަށް ނިމުން އަންނާނެ ބަޖެޓެއް ކަމަށެވެ. އޭނާ ވިދާޅުވީ "ގެދޮރުވެރިކަމުގެ ރަންޒަމާނެއް އަންނަ އަހަރު ފެނިގެން ދާނެ،" ކަމަށެވެ. 

"މީ ދިވެހިރާއްޖޭގެ ތާރީހުގަ ދުވަހަކުވެސް ބަޖެޓުގަ ޖަހައިގެން ރައީސުލްޖުމްހޫރިއްޔާއެއްގެ [ތަސައްވަރާ އެއްގޮތަށް] ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ، މިއާ ގާތަށްވެސް މަސައްކަތެއް ކުރެވި މަޝްރޫއެއް ހިންގިފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފަސް ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ދެ ބިލިއަނާއި ހަތަރު ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ގެދިރުވެރިކަމުގެ ލޯނު ދިނުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. މި ލޯނުން އަލަށް ގޯތި އެޅުމާއި އަދި ނުނިމި ހުރި ގޯތިތައް ނިންމުމަށް ވެސް ލޯނު ދޭނެ އެވެ.

އެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ދެ އަދަދު އެއްކޮށްލުމުން، ރާއްޖޭގެ ތާރީހުގައިވެސް ބޯހިޔާވަހިކަމަށް ހޭދަ ނުކުރާހާ ވަރަށް ބޮޑުވެގެން ދާނެ ކަމަށެވެ. ރައީސްގެ މިދައުރުގައި ކޮންމެ އަހަރެއްގެ ބަޖެޓުގައި އެ މިންވަރަށް ހިމަނާނަމަ، މި ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް އެއްކޮށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މި ދެ އަަދަދު އެއްކޮށްލީމަ މީ ދުވަހަކުވެސް ދިވެހިރާއްޖޭގަ ތާރީހުގަ ބޯހިޔާވަހިކަން ނުދާނެ އަދަދުތަކެއް. ދެން ވިސްނުންފުޅަށް ގެންނަވާ އެމަނިކުފާނުގެ ފަސް އަހަރު ނިމޭއިރުގަ މިދައުރުގަ ރާއްޖޭގަ މި ރޭޝިއޯއިން ކޮންމެ އަހަރަކު ބަޖެޓުގަ [ހިމަނާނަމަ]، ބޯހިޔާވަހިކަމުގެ ލޯނު އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކާ މަޝްރޫއުތައް ކުރިއަށްދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ތަހައްމަލްކުރި އެންމެ ބޮޑު ދަތި، ބޯހިޔާވަހިކަމަށް ހައްލު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފާއިތުވި ތިން އަހަރުގެ ބަޖެޓުތަކަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އެ އަހަރު ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހިމަނާފައި އޮތީ 735.6 މިލިއަން ރުފިޔާ އެވެ. 2022 ވަނަ އަހަރު 542 މިލިއަން ރުފިޔާ އަދި 2024 ގައި 452.8 މިލިއަން ރުފިޔާ އެވެ.

މި އަދަދު ތަކަށް ބަލާއިރު އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ފައިސާއަކީ މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ 231.2 ޕަސެންޓް އިތުރު އަދަދެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.