ހީނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ އެންގެވުމާ އެއްގޮތަށް މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ހަރަދު ކުޑަކުރުމުގެ މަސައްކަތުގެ ދަށުން 31 އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށެވެ.
މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި 248 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކޮށްފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އަޅަމުންދާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ.
އެއިރު ރައީސް އިއުލާނުކުރެއްވީ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކުރުމަށް އަންގަވާފައިވާ ކަމެވެ.
ހީނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ އެންގެވުމާ އެއްގޮތަށް މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ހަރަދު ކުޑަކުރުމުގެ މަސައްކަތުގެ ދަށުން 31 އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށެވެ.
އިތުރަށް ހީނާ ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، ނަތީޖާ ނެރެވޭ މިންވަރު އިތުރުކުރުމަށް ސިޔާސީ މުވައްޒަފުންގެ ޕާފޯމެންސް ބަލާނެ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިތުރަށް ހުރިހާ ސިޔާސީ މުވައްޒަފުންގެ މުސާރައިގެ %10 އަންނަ އަހަރުން ފެށިގެން އުނިކުރުމަށް ބަޖެޓުގައި ހިމެނުއްވުމަށް ރައީސްވަނީ ނިންމަވާފަ އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 12،000 އަށްވުރެ ބޮޑު އަސާސީ މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށްވެސް ނިންމަވާފަައިވެ އެވެ.
އަދި މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް އެ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.