މި ބަދަލާއެކު މިހާރު 100 ރުފިޔާއާއި 110 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާ ސިނގެރެޓު ފޮށީގެ އަގު 200 ރުފިޔާއިން މައްޗަށް އަރާނެ އެވެ.
ވޭޕު އެއްކޮށް މަނާކުރުމާ ހަމައަށް ވޭޕުގެ ބާވަަތްތަކުން ނަގާ ޑިއުޓީއާއި ދުންފަތުގެ އެކި އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
އިއްޔެ މަޖިލީހުން ފާސްކުރީ އިމްޕޯޓު އެކްސްޕޯޓު ގާނޫނު އިސްލާހުކުރުމަށެވެ. އެ އިސްލާހާ ގުޅިގެން ސިނގިރެޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތަ ބޮޑުވާނެ އެވެ. އަދި ސިނގިރެޓަކުން ނުވަތަ ރޯނުކޮށް ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ %50 އަށް ބޮޑުކޮށް ސްޓިކަކުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުވާނެ އެވެ.
އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި، ޓޮބެކޯ ހީޓިން ޕްރޮޑަކްޓުތަކުގެ ނަގާ އިމްޕޯޓު ޑިއުޓީވެސް ބޮޑުކުރަން ފާސްކޮށްފައިވެ އެވެ. އެތަކެތީގެ ޑިއުޓީ 200 ޕަސެންޓު ބޮޑުކުރަން މަޖިލީހުން ފާސްކޮށްފައިވެ އެވެ.
މި ބަދަލާއެކު މިހާރު 100 ރުފިޔާއާއި 110 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކާ ސިނގެރެޓު ފޮށީގެ އަގު 200 ރުފިޔާއިން މައްޗަށް އަރާނެ އެވެ.
އަންނަ ނޮވެންބަރު 15 ވަނަ ދުވަހުން ފެށިގެން ވޭޕުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ވޭޕުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވެ އެވެ.
ވޭޕުގެ ބާވަތްތައް މަނާކުރުމަށާއި ދުންފަތުގެ ބާވަތްތައް ގަނެވޭނެ އެންމެ ހަގު އުމުރު 18 އަހަަރުން 21 އަހަރަށް ބަދަލުކުރުމަށް ބޭނުންވާ އިސްލާހުވެސް މިހާރު އޮތީ މަޖިލީހުގަ އެވެ.