"ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަންޖެހުން.،" ޒަމީރު ވިދާޅުވި އެވެ.
ފާއިތުވި އަހަަރުތަކުގައި ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމެއް ނެތި ބޮޑުކުރުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަދާކުރުމަށާއި އިންޓެެރެސްޓުގެ ހަރަދުގެ ގޮތުގައި ހޭދަކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މަޖިލީހުގެ ރުހުމާއެކު ޖުމްލަ 8.8 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން އަނބުރާ ދައްކާ ގޮތަށް އެއިރުގެ ފިނޭންސް މިނިސްޓަރު ނެންގެވީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ.
" 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް މި އިއްޒަތްތެރި މަޖިލީހުގެ ރުހުމާއެކު ވަނީ ޖުމުލަ 8.8 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކަށް އަނބުރާ ދައްކާނެގޮތުގެ ރޭވުމަކާ ނުލައި ދަރަންޏަށް ނަގާފައި،" ޒަމީރު ވިދާޅުވި އެވެ.
އިތުރަށް ޒަމީރު ވިދާޅުވީ އިގުތިސާދު ފުޅާކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި ސަރުކާރުގެ ހަރަދުތައް ފާއިތުވި އަހަރުތަކުގައި އިގުތިސާދާއި ދައުލަތުގެ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓުވެސް ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް އަރާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރު ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ހަރަދުވަނީ ދަރަނި އަދާކުރުމަށާއި އިންޓަރެސްޓުގެ ހޭދައިގެ ގޮތުގައި ކަމަށެވެ.
"ސަރުކާރުގެ ހަރަދު ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ އިގުތިސާދާއި ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަށް އުފުލާފައި. މިގޮތުން، ފަސް އަހަރު ކުރިން 28.2 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބަޖެޓު ވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް 50.9 ބިލިއަން ރުފިޔާއަށް އަރުވާ، ޖީޑީޕީގެ ނިސްބަތުން 124 އިންސައްތައާ ހަމައަށް ދައުލަތުގެ ޖުމުލަ ދަރަނި ގެންގޮސްފައި.،" ޒަމީރު ވިދާޅުވި އެވެ.
"ނަތީޖާ އަކީ މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަންޖެހުން.،"
އިތުރަށް މިނިސްޓަރު ވިދާޅުވީ މިފަދައިން ދަރަނި ބޮޑުވުމުގެ ސަބަބުން ސަރުކާރަށް ހިދުމަތާއި މުދާ ފޯރުކޮށްދޭ ކޮންޓްރެކްޓަރުންގެ ބިލުތަކަށް ފައިސާ ނުދެއްކި ފުނިޖެހިފައިވާ ކަމަށެެވެ. އަދި ޒިންމާދާރުކަމެއް ނެތް މާލީ ސިޔާސަތުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު އޮތީ ހަރާބުގެ މަގަށް ހުށަހެޅިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.