ސަރުކާރުން ދަނީ އަންނަ އަހަރު އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމް ތަކުން ފޯރުކޮށްދޭ ޓޫރިޒަމް ހިދުމަތް ތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖައްސަން ތައްޔާރުވަމުންނެވެ.
ބޭރުގެ އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމް ތަކުން ބޭރުގައި ވިއްކާ ރާއްޖޭގެ ޓޫރިޒަމް ޕްރޮޕަޓީތަކުން ޓޫރިޒަމް ޓެކްސް (ޓީޖީއެސްޓީ) ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް އާމްދަނީގެ ބޮޑު ބައެއް ބޭރު ވެގެންދާ ބުކިން އިންޖިން ތަކުން ޓެކްސް ނަގަން ފަށަން ތައްޔާރުވާކަން ސަރުކާރުން ހާމަ ކުރެއްވީ މިއަދު ރައްޔިތުން މަޖިލީހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ބަޖެޓް ބަޔާނުގަ އެވެ. މި ކަމަކީ ދިވެހި ޓްރެވަލް އެޖެންޓުން އެދެމުންދާ ޒަމާންވީ އެދުމެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޒަމީރު މިއަދު ރައްޔިތުން މަޖިލީހުގައި ވިދާޅުވީ ޓެކްސް ބޭސް ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި ބޭނުން ކުރާ އެންމެހައި މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭނެ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސް އަންނަ އަހަރުގެ މެދުތެރޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ފުރިހަމަ އަށް ތަންފީޒު ކުރަން ފަށަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
"އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިން ޕްލެޓްފޯމް ތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތް ތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހޭނެ. މި ބަދަލުން ލިބޭ އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ރާއްޖެ އިން ބޭރުގެ ބޮޑެތި އޮންލައިން ވިޔަފާރިތަކުގެ މެދުގައި ޖީއެސްޓީއާ ގުޅިގެން އުފެދޭ ޑިސްޓޯޝަންތައް ކުޑަކުރެވި، ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ މަގު ފަހި ވެގެން ދިއުން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ އަހަރުތަކެއް ވަންދެން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ނުވަތަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވަމުން ގޮސްފައިވާކަން ވަނީ ފާހަގަވެފަ އެވެ.
މިއާއެކު، އިގުތިސާދީ ކުރިއެރުމާ އެއް ހަމައެއްގައި ދައުލަތުގެ އާމްދަނީ ކުރިއަރަމުން ނުދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާމެދު މީރާ އިން އަޅަމުންދާ ފިޔަވަޅުތައް މުރާޖައާކޮށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތުގެ އިތުރުން، ޓެކުހާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް އިސްލާހުކުރުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.