ބީއެމްއެލް އިން ބޭއްވި ހަފްލާއެއްގައި އެބެންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސާވިސް އެވޯޑު ދީފި އެވެ.
ބީއެމްއެލް އިން ބޭއްވި ހަފްލާއެއްގައި އެބެންކަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.
އެގޮތުން ބީއެމްއެލްއަށް 35 އަހަރު ހިދުމަތްކޮށްދިނުމުން ހާއްސަ އެވޯޑު ދީފައިވަނީ ސްވިފްޓް ސާވިސް މެނޭޖަރު އަމްޝޫދާ ނައީމަށާއި ކަސްޓަމާ ސާވިސް މެނޭޖަރު އައިމިނަތު ނަސީމް އަދި ޗެކް ޕްރޮސެސިން މެނޭޖަރު އާއިޝަތު ޝާދުނާ އަށެވެ.
އޭގެ އިތުރުން ކަސްޓަމާ ސާވިސް އޮފިސަރު ފާތިމަތު ހުސައިނަށާއި، އެޖެންޓް ބޭންކިން މެނޭޖަރު ފާތިމަތު މުހައްމަދުގެ އިތުރުން، ޗީފް ކޮމްޕަލަޔަންސް އޮފިސަރު މަރިޔަމް ހަމީދަށް ވަނީ ބޭންކަށް 30 އަހަރުގެ މުއްދަތަކަށް ހިދުމަތްކުރުމުގެ އެވޯޑު ދީފަ އެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ އެ މުވައްޒަފުން މަސައްކަތަށް ދޭ އަހުމިއްޔަތުކަމާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުރިކަމަށްޓަކައި އެކަމުގެ އަގުވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ފާއިތުވި 35 އަހަރުގެ ދިގު މުއްދަތަކަށް ހީވާގިކަމާއެކު މަސައްކަތްކޮށްދެއްވިކަމަށްޓަކައި އަމްޝޫދާ، އާމިނަތު އަދި ޝާދުނާއަށް ހާއްސަ ޝުކުރެއް ވަނީ އަދާކުރައްވާފަ އެވެ.