ނައިބުރައީސް އިތުރަށް ވިދާޅުވީ މީޑިޔާއާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.
ސަރުކާރުން ނޫސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވުމާއެކު ޒިންމާދާރުކަމާއި އަމާނާތްތެރިކަމާއެކު ނޫސްވެރިކަން ކުރުމަށް ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު އިލްތިމާސް ކުރައްވަައިފި އެވެ.
ރޭ ކުރިއަށްދިޔަ ދިވެހިރާއްޖޭގެ މީޑިޔާ ކައުންސިލުން ދޭ "11 ވަނަ ނޫސްވެރިކަމުގެ އެވޯޑު" ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވަައި ދެއްކެވި ވާހަކަފުޅުގައި ނައިބުރައީސް ވިދާޅުވީ މި ސަރުކާރުގެ މެނިފެސްޓޯގައި ނޫސްވެރިކަން ކުރިއެރުވުމަށް ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ނޫސްވެރިކަން ކުރިއެރުވުމަށް ނޫސްވެރިންނަށް ހާއްސަަކޮށް މީޑިޔާ ވިލެޖެއް ގާއިމުކުރުމާއި، ދައުލަތުގެ ބަޖެޓުން ނޫސްތަކަށް ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ފަދަ މިހާތަނަށް ނޫސްވެރިކން ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން ތަންފީޒުކޮށްފައިނުވާ ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.
ނައިބުރައީސް އިތުރަށް ވިދާޅުވީ މީޑިޔާއާއި ނޫސްވެރިން ބާރުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އެ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުން ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދޭނެ ކަމުގައިވެސް ނައިބުރައީސް ވިދާޅުވި އެވެ.
ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ސަރުކާރުން ފުރިހަމައަށް އެއްބާރުލުމާއި މަދަދު ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައި ނައިބުރައީސްވަނީ ނޫސްވެރިން ޒިންމާދާރުވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސްއާއި އެނޫންވެސް ޓެކްނޮލޮޖީގެ އައު ވަސީލަތްތަކުގެ ޒަރީއާއިން ހޯދާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އަދި މީޒާން ހަމަކޮށް ވަކި އަތަކަށް ބުރަނުވެ، ތެދުވެރިކަމާއި އަަމާނާތްތެރިކަމާއެކު ހަބަރު ގެނެސްދިނުމަށް ނޫސްވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެ އެވެ.
މަދުރަސާތަކާއި ޔުނިވާސިޓީތަކުން ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވަމުންދާއިރު ނޫސްވެރިކަމުގެ ދާއިރާއަށް ގާބިލު ޒުވާނުން އުފައްދައި ނެރުމުގެ މުހިއްމުކަން ނައިބުރައީސް ފާހަގަކުރެއްވި އެވެ.
ދިވެހިބަހަށް މުޖުތަމައު އަހުލުވެރިކުރުވުމުގައި ނޫސްވެރިންގެ ދައުރުގެ މުހިއްމުކަން ފާހަގަކުރައްވައި ނައިބުރައީސްވަނީ ކުށެއް ނެތި ސާފު ދިވެހިބަހުން ލިޔެ، ވާހަކަދައްކައި ހެދުމަށް މީޑިޔާ މެދުވެރިކޮށް އާންމުންނަށް ހިތްވަރުދިނުމަށް ނޫސްވެރިންނަށް ގޮވާލައްވާފަ އެވެ.