ރައީސްގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ގެދޮރުވެރިކަމަށް

އަންނަ އަހަރުގެ ގެދޮރުވެރިިކަމުގެ މަޝްރޫއުތަކުގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު 231.2 ޕަސެންޓް އިތުރެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ހާއްސަ އިސްކަމެއް ދީފައިވާކަން ބަޖެޓުގެ ހިސާބުތަކުން ހާމަވެއްޖެ އެވެ. 

ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގެދޮރު ބިނާކުރުމުގެ މަޝްރޫއުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިއީ މި ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެއްކަން ފާހަގަކޮށްލެވެ އެވެ. 

ފާއިތުވި އަހަރުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ބަޖެޓުކުރި އަދަދުތައް

ފާއިތުވި ތިން އަހަރުގެ ބަޖެޓުތަކަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހާއްސަކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ. އެ އަހަރު ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހިމަނާފައި އޮތީ 735.6 މިލިއަން ރުފިޔާ އެވެ. 2022 ވަނަ އަހަރު 542 މިލިއަން ރުފިޔާ އަދި 2024 ގައި 452.8 މިލިއަން ރުފިޔާ އެވެ. 

2022 އިން ފެށިގެން ބަޖެޓުތަކުަގއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދުތައް

މި އަދަދު ތަކަށް ބަލާއިރު އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ފައިސާއަކީ މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ 231.2 އިންސައްތަ އިތުރު އަދަދެކެވެ. 

ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ހިމަނާފައިވާ ފައިސާގެ އިތުރަށް ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ ގެދޮރުވެރިކަމަށް %5 އަށްވުރެ ކުޑަ އިންޓަރެސްޓު ރޭޓުގައި ލޯނު ދޫކުރުމަށް ބިލިއަނެއްހައި ރުފިޔާ ހިމަނާފައިވެ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ހިމެނި ނަމަވެސް ބޭންކުތަކާއި މާލީ އިދާރާތަކާ މަޝްވަރާކޮށްގެން ކުރެވޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރު ސަރުކާރުގެ %5 އިންޓަރެއްޓުގައި ހައުސިން ލޯނު ދޫކުރުމުގެ ޕްރޮގުރާމުގެ ތެރެއިން ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޕީއެސްއައިޕީ ބަޖެޓުގެ ބޮޑު މިންވަރެއް ގެދޮރުވެރިކަމަށް ހާއްސަކޮށް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.