މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. މިއީ ކުރީ ކުއާޓަރާއާ އަޅާބަލާއިރު %2.9 އިތުރު އަދަދެކެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކަށް ލިބުނު ސާފު ފައިދާ ބޮޑުތަނުން އިތުރުވިއިރު، އާއްމުންނަށް ދޫކުރި ލޯނުގެ އަދަދު 1.2 ބިލިއަން ރުފިޔާ ފަހަނަ އަޅައިފި އެވެ.
ގައުމީ ބޭންކުން ނެރުނު އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ބޭންކުން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި ދިވެހި މުޖުތަމަޢުއަށް ކޮށްފައިވާ މުހިންމު އިންވެސްޓްމަންޓްތައް ފާހަގަކޮށްފިއެވެ.
ބޭންކުން މި ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 718 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. މިއީ ކުރީ ކުއާޓަރާއާ އަޅާބަލާއިރު %2.9 އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ސާފު ފައިދާއެއްގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %9.6 އިތުރު އަދަދެކެވެ.
ހިސާބުތަކުން ދައްކާ ގޮތުން ބޭންކުގެ ލޯނު ޕޯޓްފޯލިއޯ ދަނީ ހަރުދަނާކަމާއެކު ކުރިއަރަމުންނެވެ. މި ކުއާޓަރުގައި ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެ އެވެ. ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގައެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ %54 ގައި ހުރިއިރު މިއީ ގަވާއިދުން ލާޒިމުކުރާ މިންވަރަށްވުރެ މަތީ އަދަދެކެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން އަދި ހަމައެހެންމެ މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުއުމުގެ މުސްތަގުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާމެދުވެސް ފަޚުރުވެރިވެ އެވެ.
" މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް،" ޝަރީފު ވިދާޅުވި އެވެ.
މި ކުއާޓަރުގައި ބޭންކުން ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ބޭންކުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެއެވެ. އަދި އެއް މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައް ވެސް ބޭންކުން ހާމަކުރީ މި ކުއާޓަރގައެވެ. ފަންޑުގެ ދަށުން ތަޢުލީމާއި ތިމާވެށި ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގިއާ ގުޅޭ ދާއިރާތަކުން ފަސް މަޝްރޫއުއަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. މި މަޝްރޫއުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމާއި އައު ގޮތްތައް ތައާރަފުކުރުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުމެވެ.