މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އިގްތިސޯދީ ރިފޯމް ގެންނަން މިދިޔަ ސަރުކާރަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވި އެވެ. އެހެންވެ އެ ސަރުކާރުން އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް އިގްތިސޯދީ އިސްލާހީ އެޖެންޑާ ގެންނަން ބޭނުންވި ކަމާށާ އެކަމަކު އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މާލީ އިދާރާތަކުން އިގްތިސޯދީ ރިފޯމް މަސައްކަތް ކުރަން އެދެމުންދާތާ އެތައް ޒަމާނެއްވިނަމަވެސް އެކަން ކުރެވިފައި ނުވަނީ ކީއްވެގެން ތޯ އިއްޔެ އޮތް ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އިގްތިސޯދީ އިސްލާހީ މަސައްކަތް ކުރުމުގެ އިންޓެންޝަން މިދިޔަ ސަރުކާރުގައިވެސް ހުއްޓެވެ. އެކަމަކު އެއްވެސް މަސައްކަތެއްކޮށްފައި ނެތްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ކުރިން އަޅުގަނޑުމެން ހިތައް އަރާ ތިހެން. އެކަމަކު ސަރުކާރެއް ހިންގަން އައިސް އިށީނީމަ އަސްލުގަ މި އިންނަ ދަތިތައް އެނގެނީ. މިދިޔަ ސަރުކާރުން ވެސް އިންޓެންޝަން ގެންގުޅެން ޖެހޭނެ. އައިއެމްއެފާއި ވޯލްޑް ބޭންކުން ވަނީ އެދިފަ. އެކަމަކު އޭރު ސިޔާސީ ކަންކަން ހުރި ގޮތުން އޭރު ކުރެވެން ނެތުނީކަމަށް ބެލެވެނީ. ކަރުދާސްތަކުން އެނގޭ އިންޓެންޝަން ހުރިކަން. މިދިޔަ އަހަރުގެ އިންތިހާބާ ހިސާބަށް އައިއިރު ބަޖެޓުވެސް ދޫކޮށްލާފަ މި ދަނީ އިންތިހާބު ވިން ކުރަން. މީގައި ސިޔާސީ ކަންކަމާއި ޑެލިވަރީގައި ދަތިތަކެއް ހުރި،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު 2023 ވަނަ އަހަރު ގެންނަން ޖެހޭ ރިފޯމްގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށާ ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު އެކަމަށް ގިނަ މަސައްކަތްތަކެއް ހުރީ ކުރައްވާފަ އެވެ. އެހެންވެ އެ ހިސާބުން ފެށިގެން ކުރިއަށްދާކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
"މިހާރު ރައީސްގެ ލަފާގެ މަތިން ކުރަމުން މިދާ މަސައްކަތުން. އޭރު ގެއްލުނުތަން ހޯދުމަށް މަސައްކަތް ކުރެވޭނެ،" ޒަމީރު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މާލީ އިސްލާހީ އެޖެންޑާ ގެންނަން މަސައްކަތް ފަށާފަ އެވެ. މިކަމަށް ބާރު އެޅުމުގެ ގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދުން 200 އެއްހާ މުވައްޒަފުން މަދުކޮށް ފިޔަވަޅުތަކެއް ވެސް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ.
ސަރުކާރުން ފަށާފައިވާ މާލީ އިސްލާހުތަކުގެ ތެރެއިން އާސަންދައިގެ ހަރަދުތައް ކުޑަކުރުމަށް 250 ބޭހެއްގެ އަގު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. މި ބަދަލު ގެންނާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލުގެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޮވެންބަރު 24 އިން ފެށިގެން އިތުރު 126 ބޭހެއްގެ އަގު ބަދަލުކުރާނެ ކަމުގައި އެންސްޕާއިން ބުންޏެވެ. އެ ތާރީހު ތަކުން ފެށިގެން އަގު ކޮންޓްރޯލުކުރާ ބޭސްތަކާއި އެ ބޭސްތައް އެ ތާރީހު ތަކުން ފެށިގެން ވިއްކޭނެ އަގުތައް އާސަންދައިގެ ވެބްސައިޓުގައި ޝާއިއުކުރަމުންދާނެ ކަމަށް ވެސް އެންސްޕާއިން ބުނެފައިވެ އެވެ.
މި ބަދަލާއެކު ކުރިން އަގުބޮޑުކޮށް ވިއްކި ބޭސްތަކުގެ އަގުހެޔޮކުރެވި، އާސަންދައިގެ ހަރަދުތައް ކުޑަކުރެވި، އަހަރެއްގެ މައްޗަށް ބޭހަށް ކުރާ ހޭދައިގެ ތެރެއިން 220 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ. މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް ބަދަލެއް ނާންނާނެ އެވެ. އަދި އެ ބޭސް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ކޮންމެވެސް އެއް ބްރޭންޑެއް އަބަދުވެސް އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެންސްޕާއިން ދީފައިވެ އެވެ. އަދި އެ ބޭސްތައް ވިއްކުމަށް ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފާމަސީތަކުން ވެސް ހިލޭ ބޭސް ލިބޭނެ އެވެ.