ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ހައްގުވެރިންގެ ދާއިމީ ލިސްޓު ރިއިވެލުއޭޓުކުރުމަށް ހުރިހާ ފޯމެއް ބެލުމަށް ނިންމީ ދާއިމީ ލިސްޓު އެކުލަވައިލާފައިވަނީ ރަނގަޅަށް ކަމަށް އެ ލިސްޓު ދިރާސާކުރި ކޮމިޓީތަކަށް ނުފެންނާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް ރިއިވެލުއޭޓުކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށް މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓު ދިރާސާކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން އެކުލަވައިލި "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލެ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ" އަށްވެސް 2023 ގައި އެކުލަވައިލި ލިސްޓަކީ ރަނގަޅަށް އެކުލަވައިލި ލިސްޓެއް ކަމުގައި ގަބޫލުނުކުރެވޭ ކަމަށެވެ.
އެހެންކަމުން މުޅި ލިސްޓު އަލުން އެކުލަވައިލުމަށް ހުރިހާ ފޯމެއް ރީ-އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އެކަމަށް އިތުރު ވަގުތު ނަގާނެ ކަމުގައިވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން 15،000 އަށްވުރެ ގިނަ ފަރާތުންވަނީ ފުލެޓު ހޯދުމަށް ހުށަހަޅާފަ އެވެ. އެއިން 9،000 މީހުން ފުލެޓަށް ޝަރުތު ފުރިހަމަވާކަމަށް އެމްޑީޕީ ސަރުކާރުގައި ނިންމި އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅަމުންދާ 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓެއްވެސް އެއިރު އާންމުކުރި އެވެ.
ނަމަވެސް އެ 4،000 ފުލެޓުގެ ހައްގުވެރިން ކަނޑައަޅައި އާންމުކުރި ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އޭސީސީން ފާހަގަކުރުމާއެކު، އެ ފަރާތްތަކަށް ފުލެޓު ދޫކުރުން މެދުކެނޑިގެން ދިޔަ އެވެ. އެއަށްފަހު މި ސަރުކާރުން އެ ލިސްޓު އެވެލުއޭޓުކުރުމުގެ މަސައްކަތް ފެށި އެވެ.