ކަސްޓަމްސް އިން ވަނީ ހޯކްސްގެ ބޯޓަކުން ރާއްޖެ އެތެރެކޮށްފައިވާ 1.2 މިލިއަން ރުފިޔާގެ ސިނގިރޭޓް އަތުލައިގެންފަ އެވެ.
ސިނގިރޭޓް އެތެރެ ކުރުމުގައި ބައިވެރިވި މުވައްޒަފުންނަށް ކުންފުނީގެ ފަރާތުން ވެސް ފިޔަވަޅު އަޅާނެކަމަށް ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އަމިއްލަ ކުންފުނި ކަމަށްވާ ދަ ހޯކްސް އިން މިރޭ ބުނެފި އެވެ.
ތިލަފުށީ ޕޯޓަށް ހުކުރު ދުވަހު އައި ހޯކްސްގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. މި ސިނގިރޭޓްތަކުގެ އަގު 1.2 މިލިއަން ރުފިޔާއަށްވުރެ މައްޗެވެ.
މި މައްސަލާގައި ހޯކްސް ކުންފުނިން "މިރާ" އަށް މިރޭ ވާހަކަ ދެއްކެވި އިސްވެރިއަކު ވިދާޅުވީ ސިނގިރޭޓް އެތެރެ ކުރީ މެނޭޖުމަންޓުގެ ބައިވެރިވުމެއް އޮވެގެން ނޫން ކަމަށާ މި މައްސަލާގައި ބައިވެރިވި މުވައްޒަފުންނާ މެދު ކަމާބެހޭ ދައުލަތުގެ މުވައްސަސާތަކުގެ އިތުރުން އެ ކުންފުނިން ވެސް ފިޔަވަޅު އަޅާނެ އެވެ.
"މިކަމުގެ ސަބަބުން ކުންފުނީގެ ނަމަށް ވަރަށް ބޮޑު ހަޑިކަމެއް އައީމި. މި މައްސަލާގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން އަޅުގަނޑުމެން މިދަނީ ދެމުން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަމުގައި އެ ކުންފުނީގެ ބޯޓެއްގެ ކެޕްޓަނަކާއި އެހެން މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާ އެކަން އެނގުނީ ބޯޓުގެ އެކި ތަންތަނުގައި ހުރި ކެމެރާ ތަކުން ކަމަށެވެ.
"އަޅުގަނޑުމެންގެ ސިސްޓަމްތައް ހުންނަ ގޮތުން ލޮގް ނުކޮށް [ލިޔެކިއުމުން ފުރިހަމަކޮށްގެން] ނޫން ގޮތަކަށް އެއްވެސް ކަމެއް ކޮށްފިނަމަ އެވާނީ ގަވައިދުގެ ބޭރުން ކުރާ ކަމަށް. މަސައްކަތް ކުރާ މުޅި ސަރަހައްދު ހުންނާނީ ސާވޭލެންސް [ކެމެރާ] އަޅާފަ. މިކަމުގައި ބައިވެރިވި މީހުން ވަރަށް ސާފުކޮށް ފެނޭ. އެކަން ފުލުހުންނާއެކު މިދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުނާއި ކަސްޓަމުން ވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ އައި ހޯކްސްގެ ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 2،000 ކާޓޫނު ސިގިރޭޓް ހިފައްޓާފަ އެވެ. މިއީ 400،000 ސިނގިރޭޓެވެ. އަގުން ބަލާނަމަ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާގެ ސިނގިރޭޓެވެ.