އެންސްޕާއިން ބުނެފައިވަނީ 250 ބޭހެއްގެ އަގު ކޮންޓްރޯލުކޮށް އަހަރެއްގެ މައްޗަށް 220 މިލިއަން ރުފިޔާ ސަލާމަތްކުރަނީ ރައްޔިތުންނަށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި ކަމަށެވެ.
ސަރުކާރުން ފަށާފައިވާ މާލީ އިސްލާހުތަކުގެ ތެރެއިން އާސަންދައިގެ ހަރަދުތައް ކުޑަކުރުމަށް 250 ބޭހެއްގެ އަގު ކޮންޓްރޯލުކުރުމަށް ނިންމައިފި އެވެ.
މިއަދު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނެރުނު ބަޔާނެއްގައި ބުނީ އާސަންދައިގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ބަދަލުގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އަދި މި ބަދަލު ގެންނާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި، އެގޮތުން އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 87 ބޭހެއްގެ އަގަށް ބަދަލުގެންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި ނޮވެންބަރު 24 އިން ފެށިގެން އިތުރު 126 ބޭހެއްގެ އަގު ބަދަލުކުރާނެ ކަމުގައި އެންސްޕާއިން ބުންޏެވެ.
އެ ތާރީހުތަކުން ފެށިގެން އަގު ކޮންޓްރޯލުކުރާ ބޭސްތަކާއި އެ ބޭސްތައް އެ ތާރީހުތަކުން ފެށިގެން ވިއްކޭނެ އަގުތައް އާސަންދައިގެ ވެބްސައިޓުގައި ޝާއިއުކުރަމުންދާނެ ކަމަށްވެސް އެންސްޕާއިން ބުނެފައިވެ އެވެ.
އެންސްޕާއިން ބުނެފައިވަނީ މި ބަދަލާއެކު ކުރިން އަގުބޮޑުކޮށް ވިއްކި ބޭސްތަކުގެ އަގުހެޔޮކުރެވި، އާސަންދައިގެ ހަރަދުތައް ކުޑަކުރެވި، އަހަރެއްގެ މައްޗަށް ބޭހަށް ކުރާ ހޭދައިގެ ތެރެއިން 220 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ހިލޭ ބޭސް ލިބުމުގެ އިންތިޒާމަށް ބަދަލެއް ނާންނާނެ އެވެ. އަދި އެ ބޭސް ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ކޮންމެވެސް އެއް ބްރޭންޑެއް އަބަދުވެސް އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެންސްޕާއިން ދީފައިވެ އެވެ. އަދި އެ ބޭސްތައް ވިއްކުމަށް ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފާމަސީތަކުންވެސް ހިލޭ ބޭސް ލިބޭނެ އެވެ.
އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ މި ބަދަލަކީ ކުރީ ސަރުކާރުތަކުން އެކި ތާރީހުތަކުގައި ތަންފީޒުކުރަން ފަށަން އިއުލާނުކޮށް ތަންފީޒުނުކުރެވި އޮތް ބަދަލެއް ކަމަށެވެ.
އަދި މިފިޔަވަޅަކީ ބަލްކް ޕްރޮކިއުމެންޓު ސިޔާސަތު ހުއްޓައިލުން ނޫންކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ މި ފިޔަވަޅުގެ ބޭނުމަކީ ބަލްކް ޕްރޮކިއުމެންޓު ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވެންދެންވެސް އާސަންދައިގެ ހަރަދުތައް ކުޑަކުރުން ކަމަށެވެ.