ޑޮމެއިން ދޫކުރުމުގައި ޓްރާންސްޕޯޓު މިނިސްޓްރީން އަމަލުކުރަމުން އައި އުސޫލުތައް އިސްލާހުކޮށް، އެ ހިދުމަތް މޮނީޓާ ކުރެވޭނެ ހަރުދަނާ ރަނގަޅު ނިޒާމެއް ގާއިމުކޮށް އަންނަ އަހަރު އަލުން ޑޮމެއިން ދޫކުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނެފި އެވެ.
ޑޮމެއިން ނަންބަރުތައް ދޫކުރުން ހުއްޓައިލީ އެކަމާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައް ހައްލުކުރެވެންދެން އެ ހިދުމަތްތައް ހުއްޓައިލަން ރައީސް އޮފީހުން ކުރީގެ ދައުރުގައި އަންގާފައި އޮތުމުންނެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި ޑޮމެއިން ދޫކުރަން ފަށާނީ ރެކޯޑުކޮށް މޮނީޓާކުރާނެ ހަރުދަނާކުރާނެ ނިޒާމެއް ގާއިމުކުރުމަށްފަހު އެވެ. އަދި ކުރިމަގުގައި ދިމާވާނެ މައްސަލަތައް މަދުކުރުމަށްޓަަކަައި، އެކަށީގެންވާ ހަރުދަނާ އަދި ފުރިހަމަ ގަވާއިދެއްގައި އެކުވައިލާ އެއްގޮތަށް ދެމެހެއްޓެނެވި ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދޭނެ އެވެ.
މި މަސައްކަތުގައި ދިހަ މަސްދުވަހު ކުރެވުނު މަސައްކަތުން އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ޑޮމެއިން ދޫކުރަން ފަށާނީ ގަވާއިދުތައް އިސްލާހުކޮށް ހިދުމަތް ލުއިވާނެ ގޮތަށް ތަރުތީބުތައް އިންތިޒާމުކުރުމަށްފަހުކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ ޑޮމެއިން ހިދުމަތާ ގުޅޭ ހުރިހާ ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ ތެރޭގައި މި ބަދަލުތަކާއެކު ޑޮމައިން ހިދުމަތް އަލުން ފަށައި ދިމާވެފައި ހުރިހާ މައްސަލަތައް ހައްލުކުރުމަށް ކަމުގައި މިނިސްޓްރީން ބުނެފައިވެ އެވެ.