އެ ބަޔާނުގައި ބުނެފައިވާ ގޮތުން އީރާނަށް އިސްރާއީލުން ދިން ހަމަލާއަކީ އީރާނުގެ ސިޔާދަތަށް އަރައިގަތުމާއެކު ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގާފައިވާ އަމަލެކެވެ.
ރޭ އިސްރާއީލުން ވައިގެ މަގުން އީރާނުގެ އަސްކަރީ އަމާޒުތަކަށް ބޮން އަޅައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނަށް އަމާޒުކޮށް އިސްރާއީލުން ދިން އަސްކަރީ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން އީރާނަށް އިސްރާއީލުން ދިން ހަމަލާއަކީ އީރާނުގެ ސިޔާދަތަށް އަރައިގަތުމާއެކު ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ހިންގާފައިވާ އަމަލެކެވެ.
އަދި ދެކޮޅުވެރިކަން މިހާރުން މިހާރަށް ކުޑަކުރުމަށް ސަރުކާރުންވަނީ ހުރިހާ ފަރާތްތަކަށް ގޮވައިލާފަ އެވެ. އެ ދެކޮޅުވެރިކަމުގެ ސަބަބުން ސަރަހައްދީ ނުތަވަސްކަން އިތުރުވެ އެ ސަރަހައްދުގެ ގައުމުތަކާއި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތް ނުރައްކަލަށް ހުށަހެޅިފައިވާކަން ސަރުކާރުން ފާހަގަކުރި އެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމުކުރުމާއެކު، ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، އެންމެ ބޮޑަށް ހިފަހެއްޓޭނެ މިންވަރަކަށް ހިފަހައްޓައިގެން މަސައްކަތްކުރުމަށް ހުރިހާ ގައުމުތަކަށް ރާއްޖެއިން އިލްތިމާސްކުރި އެވެ.
އަދި ދެކޮޅުވެރިކަން ހުއްޓުމަކަށް ގެނައުމާއެކު، އެ ސަރަހައްދުގައި ދެމިގެންދަނިވި ސުލްހަ ގާއިމުކުރުމަށް މަޝްވަރާތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލި އެވެ.
އިސްރާއީލުން ވައިގެ މަގުން ހަމަލާތައް ދިނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ތެހެރާނާއި އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ކަމުގައި އިސްރާއީލުން ބުންޏެވެ.
މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފުސީލެއް މިހާތަނަށް އާންމުނުކުރި ނަމަވެސް އީރާނުން ބުނެފައިވަނީ އެކަށީގެންވާ ގޮތެއްގައި އެ ހަމަލާތަކުން ދިފާއުވެވުނު ކަމަށެވެ. އަދި ގެއްލުން ކުޑަކުރެވުނު ކަމަށެވެ.
އީރާނުން އިސްރާއީލަށް ރައްދުގައި އިތުރު ހަމަލާތަކެއް ދީ، އެ ދެ ގައުމުގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގައި ބައެއް މާހިރުން ލަފާކުރައްވަ އެވެ. އެފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ތެލުގެ އަގޮބޮޑުވެ ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްއެޅުމުގެ ފުރުސަތު ބޮޑެވެ.