ޑީއެމްޑީގެ މަގާމުން ޖެނިފާ ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނުގައި މުވައްޒަފުން ވަކިކުރެވިދާނެ ކަމަށް ބަޔާންކުރާ އެއްވެސް ހާލަތެއް މެދުވެރިނުވަނީސް ކަމަށްވާތީ އޭނާ އަނބުރާ ވަޒީފާއަށް އިއާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާ އެ މަގާމަށް އަލުން އިއާދަކުރަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.
ފާއިތުވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޑީއެމްޑީގެ މަގާމަށް ޖެނިފާ އައްޔަންކުރީ މޯލްޑިވިއަންގެ ބޯޑުން އެ ކުންފުނީގެ އޮނިގަނޑުގައި ކުރިން ނެތް ޑެޕިއުޓީ މެނޭޖިން ޑިރެކްޓާގެ މަގާމު އުފެއްދުމަށްފަހު އެވެ.
މި މައްސަލާގައި ޖެނިފާ ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ހާލަތެއް މެދުވިވެފައި ނެތީސް ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރިކަން އަންގައި ކުންފުނިން ފޮނުވި ސިޓީގައިވެސް އެފަދަ ހާލަތެއް އޮތްކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.
އޭނާ ވަޒީފާއިން ވަކިކޮށް ކުންފުނިން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ހުންނެވި މަގާމަކީ ކުންފުނީގެ ބޯޑުން އުފެއްދި މަގާމަކަށްވާއިރު އެ މަގާމަށް އައްޔަންކުރާ މުވައްޒަފުން މަގާމުން ވަކިކުރުމުގެ އިހުތިޔާރު ބޯޑަށް އޮންނާތީ އެ އިހުތިޔާރުގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ފާހަގަކުރީ ބޯޑަށް ވަޒީފާތައް އުފައްދައި އެ ވަޒީފާތަކަށް މުވައްޒަފުން ނެގުމުގެ އިހުތިޔާރު ގަވާއިދުން ލިބުނު ނަމވެސް އެފަދައިން އުފައްދާ ވަޒީފާތަކުން މީހުން ވަކިކުރަންޖެހޭނީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ކަމަށެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންވަނީ ގާނޫނުގައި ވަޒީފާއިން މުވައްޒަފަކު ވަކިކުރެވޭނެ ހާލަތްތަކާއި އެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތަށް އަލިއަޅުވައިލާ އެ މައްސަލާގައި އެ ގޮތަށް ބޯޑުން އަމަލުކޮށްފައިވޭތޯ ބަލާފަ އެވެ.
އެއިން އެއްވެސް ކަމެއް ފުރިހަމަނުވާކަން ފާހަގަކޮށް ޓްރައިބިއުނަލުން ނިންމާފައިވަނީ ޖެނިފާ ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިނުވާ ކަމަށެވެ. އަދި އެ ހާލަތުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރިތޯ ބަލަންނުޖެހޭނެ ކަމަށްވެސް ޓްރައިބިއުނަލުން ނިންމާފައިވެ އެވެ.
ޓްރައިބިއުނަލުން ނިންމާފައިވަނީ ޖެނިފާ އަދާކުރަމުން އައި މަގާމަށް އަނބުރާ ރުޖޫއަކުރުމަށްފަހު އޭނާއަކީ ވަޒީފާއިން ވަކިކުރި މީހެއްކަމަށް ނުބަލައި، އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ޓްރައިބިއުނަލުން ނިންމުމާ ހަމައަށް ހޭދަވި މުއްދަތަށް ވަޒީފާގައި ދެމިހުރިނަމަ ހައްގުވާ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށވެ.
އޭގެ އިތުރަށް ގާނޫނާ ހިލާފަށް ޖެނިފާ ވަޒީފާއިން ވަކިކޮށްފައިވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ އަދާކުރި ވަޒީފާގެ މުސާރައާއި އިނާޔަތުގެ ގޮތުަގއި ލެބެމުންދިޔަ 56،171 ރުފިޔާގެ ނިސްބަތުން އެއް މަހަށްވާ ފައިސާވެސް ނަގައިދިނުމަށް ކަނޑައަޅާފައިވެ އެވެ.