ގަވަރުނަރު މުނައްވަރު ވަނީ ރާއްޖެ އިޔާދަކުރަނިވި ހަކަތައަށް ދާން 1.3 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
އެމެރިކާގައި މިހާރު ކުރިއަށް ދާ ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ބައިވެރިވުމަކީ ތާރީހީ ކަމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވީ ޗެއާގެ ހައިސިއްޔަތުންނެވެ. މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވަނީ ރާއްޖެ ފަދަ ގައުމުތަކަށް އެހީވާން އިލްތިމާސް ކުރައްވާފަ އެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި އިގްތިސާދީ ގޮތުން ގޮންޖެހުން ބޮޑު ކަންތައްތަކެއް އެބަހުއްޓެވެ. ގަވަރުނަރު ވަނީ ޚާއްސަގޮތެއްގައި ތިންކަމެއް ފާހަގަކުރައްވާފަ އެވެ.
ގަވަރުނަރު ވިދާޅުވީ ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަމަށެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭކަން ގަވަރުނަރު ފާހަގަކުރެއްވި އެވެ.
"ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހޭ. އަދި ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއިކޮށްދެވޭނެގޮތެއް ރާވަންޖެހޭ،" ގަވަރުނަރު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ތަގުރީރުގައި ދޭދޭ ގައުމުތަކުން އިގްތިސާދީ މަސައްކަތްތަކުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައިވެއެވެ. އަދި މީގެ 80 އަހަރުކުރިން ބޭއްވުނު ބޯޑު އޮފް ގަވަރުނަރުންގެ އެންމެ ފުރަތަމަ ބައްދަލުވުމުގައި ޔޫއެސް ޓްރެޝަރީ ސެކެރެޓަރީ ޖޯން ޑަބުލިއު ސްނައިޑާ ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައި ވިދާޅުވީ އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގައުމުތަކުން ގުޅިފައިވަނީ ހަމައެކަނި އެ އިދާރާތަކަށް ފައިސާ ފޯރުކޮށްދިނުމުގެ ބޭނުމުގައި ނޫންކަމަށެވެ. އެހެނީ ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލު މި މުއައްސަސާތަކުގެ ކާމިޔާބީއާ ގުޅިފައިވާކަމަށެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ ސަރުކާރުތައް ފެއިލް ކޮށްގެން ނުވާނެ ކަމަށާއި ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ތަމްސީލުކުރާ ރައްޔިތުންގެ އުއްމީދުތައް ފެއިލްވެގެން ނުވާނެކަން އެމަނިކުފާނު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށެވެ. އެއާއެކު ރާއްޖެއިން އިއާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވި އެވެ.
"2028 ވަނަ އަހަރު ދިވެހިރާއްޖޭގައި 33 އިންސައްތަ ކަރަންޓް އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ވަނީ އަޒުމް ކަނޑައަޅާފަ. މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، އަދި މިހާތަނަށް ހިލޭއެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަ" ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ވެގެން ދެ އެވެ. އެގޮތުން ތެލަށް ކުރަންޖެހޭ ހަރަދު ކުޑަވުމަކީ ރާއްޖެ ފަދަ ގައުމަކުން ބޭރު ފައިސާ ހަރަދު ކުރަންޖެހޭ މިންވަރު މަދުވާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.
މުނައްވަރު ވިދާޅުވީ އައިއެމްއެފްގެ ރެސިލިއަންސް އެންޑް ސަސްޓެއިނަބިލިޓީ ފަންޑް އިން މިހާރު ވެސް ތައުރީފު ހައްގު މަސައްކަތްތަކެއް މިދާއިރާއިން ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާގައުމުތަކަށް ބުރައަކަށް ނުވާނޭގޮތަށް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށާއި އިއާދަކުރުވަނިވި ހަކަތައަށް ބަދަލުވުމަށް އެހީވުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުން މުހިންމުކަމަށެވެ. އަދި މި ކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް އެކުލަވާލުން މުހިންމުކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ވޯޑްބޭންކް އަދި އައިއެމްއެފް ފަދަ ތަންތަނުން ކުރިމަގުގެ ޕްލޭންތަކާއި ހަރަކާތްތައް ރޭވިގެންދާއިރު ކޮންމެ މެމްބަރުގައުމެއްގެ ބޭނުންތަކާއި ކެޕޭސީޓިއަށް ފެތޭގޮތަށް އެ ކަންކަން ޚާއްސަކުރެވިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. މިކަންކަން މިމަގުން ނުކުރެވިއްޖެނަމަ އެނުއަލް މީޓިންގްސްގެ ފުރަތަމަ ޗެއާ ޖޯން ސްނައިޑާ ފާހަގަކުރައްވާފައިވާ ގޮތަށް އަޅުގަނޑުމެން ރައްޔިތުންގެ އުންމީދު ތަމްސީލުކުރުމަށް އަޅުގަނޑުމެން ފެއިލްވީކަމަށް ގަވަރުނަރު ވިދާޅުވިއެވެ.