ހިޒްބުﷲއާއި އިސްރާއީލުގެ މެދުގައި ލުބުނާނުގެ އެތެރޭގައި އެއްގަމު މަގުން ކުރަމުންދާ ހަނގުރާމާގައި އިސްރައީލުން އަންދާޒާކުރި ވަރަށްވުރެ ގިނައިން އެ ގައުމުގެ ސިފައިން ދަނީ މަރުވަމުންނެވެ.
އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި 24 ގަޑިއިރު ތެރޭ އިސްރާއީލުގެ 10 ސިފައިން މަރުވެފައިވާކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާައިން ބުނެފި އެވެ.
އިއްޔެއަކީ ހިޒްބުﷲ ނައްތައިލުމުގެ ނަމުގައި އިސްރާއީލުން ލުބުނާނަށް ހަމަލާތައް ދޭން ފެށިފަހުން ހިޒްބުﷲއިން އިސްރާއީލަށް އަމާޒުކޮށް އެންމެ ގިނަ ހަމަލާތައް ފޮނުވައިލި ދުވަހެވެ. ހިޒްބުﷲއިން ބުނެފައިވަނީ އިއްޔެ 47 ރޮކެޓު ހަމަލާ އިސްރާއީލަށް ފޮނުވައިލާފައިވާ ކަމަށެވެ.
އިސްރާއީލު އަސްކަރިއްޔާައިން ހާމަކުރި ގޮތުގައި ހިޒްބުﷲގެ ރޮކެޓެއް ގޮވުމަށްފަހު ވެއްޓުނު ބައެއް ބައިތަކުގެ ސަބަބުން އިސްރާއީލު ދެ މީހަކުވަނީ މަރުވެފަ އެވެ. އިސްރާއީލު އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ ހިޒްބުﷲގެ ހަމަލާތަކުގައި ޝޫމީރާއޭ ކިޔުނު ސަރަހައްދުގައި އިސްރާއީލުގެ ދިހައަކަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
އިއްޔެ އިސްރާއީލު އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި ލުބުނާނުގެ ދެކުނުގައި އެ ގައުމުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި ބައިވެރިވާ ސިފައިންގެ ތެރެއިން ދެ ކޮމާންޑަރަކާއި ތިން ސިފައިން އިއްޔެ މަރުވެފައިވެ އެވެ. އަދި 24 ގަޑިއިރު ތެރޭ އެ އޮޕަރޭޝަނުގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު 10 އަށް އަރައި އަނިޔާވި ސިފައިންގެ އަދަދު ވިއްސަށް އަރާފައިވެ އެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ ޔަދީއޯތް އަހްރަނޯތުން ރޮޕޯޓުކުރި ގޮތުގައި ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލު ސިފައިންގެ ރައްކާތެރިކަމާމެދު އެ ގައުމުގެ ސަރުކާރުން އިހުމާލުވަމުންދާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިން ބުނެ އެވެ.
ހިޒްބުﷲގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން ވަނީ ވައިގެ މަގުން ބައިރޫތުގެ އެކި ސަރަހައްދުތައް ހިމެނޭހެން ދެކުނު ލުބުނާނުގެ ވަރަށް ގިނަ ތަންތަނަށް ހަމަލާދީފަ އެވެ.
ލުބުނާނުގެ ދެކުނުގައި އޮންނަ ޙާޞިބިޔާ އަވަށަށް އިސްރާއީލުން ދިން ހަމަލާތަކުގައި އިއްޔެ ތިން މީހަކު ޝަހީދުވެފައިވާކަމަށް ލުބުނާނުގެ މަދަނީ ދިފާއީ އިދާރާތަކުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.