އިސްރާއީލަށް އީރާނުން ދިން ހަމަލާތަކުގެ ރައްދުގައިކަމަށް ބުނެ އިސްރާއީލުން ވައިގެ މަގުން އީރާނަށް ހަމަލާދޭން ފަށާފައިވާއިރު، އެފަދަ ހަމަލާއެއް ދީފިނަމަ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް އީރާނުން ކުރިން ބުނެފައިވެ އެވެ.
އިސްރާއީލު އަސްކަރިއްޔާއިން ވައިގެ މަގުން އީރާނަށް ހަމަލާ ދޭން ފަށާފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާން އިއުލާނުކުރައްވައިފި އެވެ. އަދި އީރާނެގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑުއިވިފައިވާކަން އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އީރާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ދެވަނަ މަރުހަލާގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތައް ވައިގެ މަގުން އީރާނެގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުން އަންނަކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވެ އެވެ.
އިސްރާއީލުން ބުނެފައިވަނީ އެ ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަށް އެކަނި ކަމަށެވެ. އަދި އިސްރާއީލު އަސްކަރިއްޔާ އޮތީ ހަމަލާދިނުމަށާއި ދިފާއުވުމަށްވެސް ރަނގަޅަށް ތައްޔާރުވެފައި ކަމަށް އިސްރާއީލުގެ ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ.
އިސްރާއީލުގެ ހަޔޫމް ނޫހުން ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ދިފާއީ ވަޒީރު ޔުވާފް ގަލާންޓް މިވަގުތު ތިއްބެވީ ޑިފެންސް މިނިސްޓްރީގައި ހުންނަ ބިންގަރާސް ކޮޓަރިކޮޅެއްގަ އެވެ.
އިސްރއީލުގެ މަސްއޫލުވެރިއެއް އެންބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިސްރާއީލުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ މާޒީގައި އެގައުމަށް ނުރައްކަލަކަށްވި ތަންތަނަށާއި މުސްތަގުބަލުގައި އެ ގައުމަށް ނުރައްކަލަކަށް ވެދާނެ ކަމުގައި ބެލެވޭ ތަންތަނަށް ކަމަށެވެ.
އެމެރިކާއިން މި ހަމަލާތަކާ ގުޅިގެން ބުނެފައިވަނީ އިސްރާއީލުން އީރާނުގެ އަސްކަރީ އަމާޒުފަތްގަނޑުތަކަށް ދެމުންދާ ހަމަލާތަކަކީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ އިމުގެ ތެރެއިން ދެމުންދާ ހަމަލާތަކެއްކަމަށް ގަބޫލުކުރާ ކަމަށެވެ.
އީރާނުގެ ނޫސްތަކުން ބުނެފައިވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަކަށް ސިހުޔޫނީ ދައުލަތުގެ އަސްކަރީ އުޅަނދުތަކުން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ މައި ދެ އެއާޕޯޓުގެ ހަރަކާތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި، މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި މީހަކު މަރުވެފައިނުވާ ކަމަށެވެ.
އީރާނާ ދެކޮޅަށް އިސްރާއީލުން ހަމަލާތަކެއް ދީފިނަމަ އިސްރާއީލަށް ވަރުގަދަ ރައްދުހަމަލާތަކެއް ދިނުމަށް އީރާނުންވަނީ ވައުދުވެފަ އެވެ.