ރައީސް ވިދާޅުވީ ރާއްޖޭގައި ފަސޭހައިން އުފެއްދެން ހުރި އުފެއްދުންތައް އުފައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާ ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް އެބާވަތްތައް ހައްދާ މީހުންގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓް ކުރާނަމަ ނަގާ ޑިއުޓީ ބޮޑުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކ ކާށިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ފަސޭހައިން އުފެއްދެން ހުރި އުފެއްދުންތައް އުފައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާ ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް އެބާވަތްތައް ހައްދާ މީހުންގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަދި އެކަމަށް އިތުރު ޔަގީން ކަމެއް ދިނުމުގެ ގޮތުން ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓް ކުރުމުގައި ނަގާ ޑިއުޓީ ބޮޑު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ދަނޑުވެރިކަން ކުރުމުގައި އޮތް ދަތި ކަމަކީ ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ގާނޫނުތަކަށް ގެނެވިފައި ހުރި ބަދަލުތަކުން ލާމަރުކަޒީ ނިޒާމްގެ ދަށުން ރަށްރަށުގެ ބިން ދޫކުރުމުގެ އިހްތިޔާރާއި ބާރު އޮންނަނީ ކައުންސިލްތަކަށް ކަމުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގު މުއްދަތަކަށް ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ދަނޑުވެރިންނަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ކުރާ އެކިއެކި މަސައްކަތްތަކާ ވަކިވަކި ފަރުދުންނަށް ދެ މިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ފެށިފައިވާކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެހެން ސިނާއަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްވެސް ކުރަން އޮތް މަސައްކަތަކީ މިކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ މި ދާއިރާއިން އިންވެސްޓް ކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުން މިހާރު ބަދަލުވަމުން ދަނީ އޯގަނިކް ފާމިންއަށް ކަމަށާ ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް މިކަމާއި ދޭތެރޭގައި ވިސްނުން ގެންގުޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ކުއްލިއަކަށް މުޅިން އޯގަނިކް ފާމިންއަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
މިރޭ އޮތް ޖަލްސާގައި ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނުވަ ފަރާތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ.