ސައުދުﷲ ވިދާޅުވި ގޮތުގައި ބަޖެޓު ހަދާފައިވާ ގޮތުން ސަޕްލަޔަރުންނަށް ފައިސާ ނުދެވި ގިނަ ބަޔަކު ވަނީ ބަނގުރޫޓުވެފަ އެވެ.
މަސައްކަތް ކުރި ފަރާތްތަކަށް ފައިސާ ނުދެވި އެ ފަރާތްތައް ހަލާކު ވެގެން ގޮސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ހިނގާ އަހަރުގެ ބަޖެޓު އެކުލަވާލާފައިވާ ގޮތުން ކަމަށް ދޭހަވާ ގޮތަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ވާހަކަފުޅު ދައްކަވައިފި އެވެ.
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސްގައި ރާއްޖޭގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ މަސީގެ އެއް ފައުންޑަރު ކަމަށްވާ މެންބަރު ސައުދުالله ވިދާޅުވީ ކަންތައްތައް ކުރަންވާނީ ކަން ކުރަންވާ އުސޫލުންނެވެ.
"500ރ. އިން ނިމޭ ކަންތައްތަކަށް 50ރ. ޖެހީމައެއް ނުވާނެ. މަސައްކަތް ފެށީމަ މަސައްކަތްދާންވާނީ ކުރިއަށް. ކުރިއަށްދާއިރު ބިލްތައް ހުށަހެޅޭނެ. ފައިސާ ދޭންވެސް ޖެހޭނެ. ފައިސާ ދެވޭނީ މި ކަހަލަ ގޮތަކަށް. މަޖިލީހުގައި އެބަ ވާހަކަ ދައްކާ ޕްރޮޖެކްޓްތައް ނުހިންގާ ވާހަކަ. ނޫން.. ޕްރޮޖެކްޓްތައް އެބަ ހިނގާ. ބޮޑެތި އަދަދުތަކުން ފައިސާ ދޭން ޖެހޭ. ބޮޑެތި އަދަދުތަކުން ފައިސާ ވެސް އެބަދޭ،"
ސައުދުﷲ ވިދާޅުވީ ބަޖެޓު މިގޮތަށް ހެދި ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށާ އެކަން ނުކުރުމަކީ ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ކަމަށެވެ.
"މައުސޫމް ބައެއް ކުށުގައި ނުހިމެނޭ ބަޔަކަށް އަދަދު ނުލިބޭ މައްސަލައަކީ. ރާއްޖޭގެ ސަޕްލަޔަރުން ނޫނީ ކޮންޓްރެކްޓަރުން ހަލާކު ވެގެން ދިޔައީ ކޮންމެވެސް ބަޔަކު ކުރި ކަމަކުން. އެމީހުންނަށް ފިޔަވަޅު އަޅައި ޖަވާބުދާރީ ކުރުވަން ޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.
ސަރުކާރު ބަދަލުވިއިރު ސަޕްލަޔަރުންނަށް އެތައް ބިލިއަން ރުފިޔާއެއް ހުއްޓެވެ. މިފަހަރު ސަރުކާރުން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި ވެސް ސަޕްލަޔަރުންނަށް ފައިސާދޭން ކަނޑައަޅާފައިވެ އެވެ. މި ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނުއްވާފައި އޮތީ ބިން ހިއްކުމާއި އިމާރާތްކުރުމާއި އިންފްރަސްޓްރަކްޗާ ދާއިރާ އަށެވެ. ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.ސަޕްލިމަންޓަރީ ބަޖެޓުގެ ގާތްގަނޑަކަށް %40 އަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދު މި އަހަރަށް ލަފާކުރި ބަޖެޓަށްވުރެ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުދިކުދި އަދަދުތަކުން ޖަހާފައި ހުރި މަޝްރޫއުތަކަށް އަންދާޒާކުރި މިންވަރަށްވުރެ ބޮޑަށް ހަރަދުވުމާއި، މަޑުމަޑުން ހިނގަމުން އައި ތަރައްގީގެ ބައެއް މަޝްރޫއުތައް އަވަހަށް ހިނގަން ފެށުމުން ކުރިން އަންދާޒާކުރި މިންވަރަށްވުރެ އެ މަޝްރޫއުތަކަށް ކުރާ ހަރަދު އިތުރުވުން ހިމެނެ އެވެ.