މި އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް 5.1 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓުގެ %40 އަކީ ޕީއެސްއައިޕީ ހަރަދުތައްކަމަށްވާއިރު %21 އަކީ ސަބްސިޑީގެ ހަރަދެވެ.
ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާއިރު މި ބަޖެޓުގައި އެންމެ ބޮޑު ހަރަދެއްގެ ގޮތުގައި އޮތީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދުގެ އިތުރަށް ސަބްސިޑީގެ ހަރަދުތަކެވެ.
މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ހިމަނުއްވާފައި އޮތީ ބިން ހިއްކުމާއި އިމާރާތްކުރުމާއި އިންފްރަސްޓްރަކްޗާ ދާއިރާއަށެވެ. ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 8.9 މިލިއަން ރުފިޔާގެ އިތުރަށް 2.06 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަޕްލިމަންޓަރީ ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އެއާއެކު މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހޭދަ 10.9 ބިލިއަން ރުފިޔާއަށް މަތިވާނެ ކަމުގައި ބެލެވެ އެވެ.
ސަޕްލިމަންޓަރީ ބަޖެޓުގެ ގާތްގަނޑަކަށް %40 އަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރާ ހަރަދު މި އަހަރަށް ލަފާކުރި ބަޖެޓަށްވުރެ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުދިކުދި އަދަދުތަކުން ޖަހާފައި ހުރި މަޝްރޫއުތަކަށް އަންދާޒާކުރި މިންވަރަށްވުރެ ބޮޑަށް ހަރަދުވުމާއި، މަޑުމަޑުން ހިނގަމުން އައި ތަރައްގީގެ ބައެއް މަޝްރޫއުތައް އަވަހަށް ހިނގަން ފެށުމުން ކުރިން އަންދާޒާކުރި މިންވަރަށްވުރެ އެ މަޝްރޫއުތަކަށް ކުރާ ހަރަދު އިތުރުވުން ހިމެނެ އެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއާއި، ތިލަމާލޭ ބުރިޖުގެ މަސައްކަތް ފަދަ މަޝްރޫއުތައް މިހާރު ވަރަށް ހަލުއިކަމާއެކު ހިނގަމުންދާތީ އެ މަޝްރޫއުތަކަށް ފަންޑުކުރާ މާލީ އިދާރާތަކުން ފައިސާ ދޫކުރާ މިންވަރު އިތުރުވުމުން ކުރިން ބަޖެޓުކޮށްފައިވާ މިންވަރަށްވުރެ ބޮޑުކޮށް އެ މަޝްރޫއުތަކަށް އަންނަނީ ހަރަދުވަމުން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ދެން ސަޕްލިމަންޓަރީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގަނީ ސަބްސިޑީއަށެވެ. އެގޮތުން މި އަހަރު ސަބްސިޑީއަށް ހަރަދުކުރަން ބަޖެޓުގައި ހިމެނި 2.8 ބިލިއަން ރުފިޔާގެ އިތުރަށް 1.02 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހަރަދުވާނެ ކަމުގައި ސަޕްލިމަންޓަރީ ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެއާއެކު ސަބްސިޑީގެ ހަރަަދު މި އަހަރު 3.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
2024 ވަނަ އަހަރުގެ ރެކޯޑު ބަޖެޓަށްވުރެ ސަބްސިޑީގެ ހަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ މި އަހަރުގެ ޖުލައި މަހުގައި ސަބްސިޑީ ނިޒާމު އިސްލާހުކުރަން ބަޖެޓުގައި ހިމަނައި ޖުލައި މަހުން ފެށިގެން ސަބްސިޑީ ހަރަދުތައް ކުޑަވާނެކަމަށް ކުރީ ސަރުކާރުން ބަޖެޓުގައި ލަފާކޮށްފައި އޮތް ނަމަވެސް އެ އިސްލާހުތައް ތަންފީޒުކުރުމަށް އެއްވެސް މިންވަރަކަށް ތައްޔާރުވެފައި ނެތުމުން އެ މުއްދަތުގައި އެ އިސްލާހުތައް ތަންފީޒުނުކުރެވި ލަސްވުމެވެ. ސަޕްލިމަންޓަރީ ބަޖެޓުގެ %21 އަކީ ސަބްސިޑީގެ ހަރަދެވެ.
ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި ރެކޯޑު ބަޖެޓުގައި ހިމަނާފައިވާ 979.4 މިލިއަން ރުފިޔާގެ އިތުރަށް 650 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަޕްލިމެންޓަރީ ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެއީ ސަޕްލިމަންޓަރީ ބަޖެޓުގެ %13 އެވެ.
އަދި ބަޖެޓުގައި ސްޓޫޑެންޓު ލޯނު ދޫކުރާނެކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރަށް ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމުމާއި، ލޯނުގައި މި އަހަރު ތެރޭ ކިޔަވަން ފެށި ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން ސްޓޫޑެންޓު ލޯނުތަކަށް ބަޖެޓުގައި އޮތް އަދަދަށްވުރެ އިތުރަށް 458.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ސަޕްލިމަންޓަރީ ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. ދަރިވަރުންނަށް ލޯނު ދޫކުރަން ކަނޑައަޅާފައިވާ ފައިސާއަކީ ސަޕްލިމަންޓަރީ ބަޖެޓުގެ %9 އެވެ.
އޭގެ އިތުރަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ފޯރުކޮށްދޭ ބޭސްފަރުވާގެ އެހީތެރިކަމަށް އިތުރު 262.6 މިލިއަން ރުފިޔާ މި އަހަރު ހަރަދުވާނެކަމަށް ސަޕްލިމަންޓަރީ ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. އެއީ ސަޕްލިމަންޓަރީ ބަޖެޓުގެ %5 އެވެ.
ސަރުކާރު ބަދަލުވަމުންދިޔަ ދަނޑިވަޅުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާތަކުގެ މުސާރައަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުރިން އަންދާޒާނުކުރާ 24.4 މިލިއަން ރުފިޔާއެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މި އަހަރު ހަރަދުވާނެ ކަމަށް ސަޕްލިމަންޓަރީ ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.
މިއަދު ސަރުކާރުން ހުށަހެޅި ސަޕްލިމަންޓަރީ ބަޖެޓާއެކު މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު 54.9 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ. އަދި ބަޖެޓުގެ ޑެފިސިޓު ޖުމްލަ 18 ބިލިއަން ރުފިޔާއަށް އަރާނެ ކަމުގައި އަންދާޒާކުރެވެ އެވެ.