ބެންކުގެ ނިންމުމަށް ސަރުކާރުން ޝުކުރު އަދާކޮށްފި

ބަޔާނުގައި ބުނީ ދިވެހި ގައުމުގެ ތަރައްގީ ގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.

ކެބިނެޓް ބައްދަލްވުން: ބެންކުގެ ނިންމުމަށް ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައި

ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ވިސާ އަދި މާސްޓާ ޑެބިޓު ކާޑުތަކުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް 1،200 ޑޮލަރާ ހަމައަށް މުއާމަލާތްކުރެވޭ ގޮތަށް ހަމަޖެއްސުމާއި ގުޅިގެން އެކަން ފާހަގަކޮށް ސަރުކާރުން ޝުކުރު އަދާކޮށް ބަޔާނެއް ނެރެފި އެވެ.

ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުކޮށްދެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދެއްވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ.

"މިގޮތުން 24 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން ފެށްޓެވުމަށް ފުރަތަމަ ކުރައްވާ ކަމެއްގެ ގޮތުގައި، ބޭރު ގައުމުތަކުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު މި އަންނަ މަހުން ފެށިގެން 1200 ޑޮލަރަށް އިތުރުކޮށްދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނިންމެވުމަކީ، އެ ކުދީންނަށާއި އެ ކުދީންގެ ޢާއިލާތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،"

ބަޔާނުގައި ބުނީ ދިވެހި ގައުމުގެ ތަރައްގީ ގައި އަދި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ، މާލީ މުއާމަލާތްތައް ފަސޭހަކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ދައުރު ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް ވާގިވެރިވަމުން ދާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ދަރަނި ކުޑަކޮށް، ދައުލަތަށް ލިބޭ އާމުދަނީގެ މަންފާ ރައްޔިތުންނަށް އިތުރު ވަމުންދާނެ ތިޔާގި ދުވަސްތަކެއް ގައުމަށް ހޯދައިދިނުމަށް ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތައް ހަރުދަނާ ކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ގެންދާނެ ކަމަށެވެ.

ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުގައި ބޭންކް އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ތާށިވެ ބޭންކުން ދޫކޮށްފައިވާ ދިވެހިރުފިޔާ ކްރެޑިޓު އަދި ޑެބިޓު ކާޑުތަކުން ބޭރުފައިސާގެ މުއާމަލާތްކުރެވޭ މިންވަރު ލިމިޓުކުރީ 2020 ވަނަ އަހަރު އެވެ. އެގޮތުން ޑެބިޓު ކާޑުތަކުން މަހެއްގެ މައްޗަށް 250 ޑޮލަރު އަދި ކްރެޑިޓު ކާޑުތަކުން 750 ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބޭންކުން ހަމަޖެއްސި އެވެ.  

ނަމަވެސް ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލުއިކޮށްދިނުމުގެ ގޮތުން އެ ދަރިވަރުން ގެންގުޅޭ ޑެބިޓު ކާޑުތަކުން މަހެއްގެ މައްޗަށް 750 ޑޮލަރުގެ މުއާމަލާތް ހިންގޭ ގޮތަށް ބޭންކުން ހަމަޖައްސާފައިވެ އެވެ. ދަރިވަރުންނަށް ބޭނުންކުރެވޭ ލިމިޓު ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

މިއަދު ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން ބޭރުގައި ތިބޭ ދަރިވަރުންނަށް ދޫކޮށްފަައިވާ ކާޑުތަކުން މަހެއްގެ މައްޗަށް ބޭރުފައިސާއިން މުއާމަލާތްކުރެވޭ މިންވަރު 750 ޑޮލަރުން 1،200 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.  

ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ބޭންކަށް ޑޮލަރު ލިބުމުގައި އަދިވެސް ދަތިތަކެއް ހުރި ނަމަވެސް ބޭރުގައި ތިބޭ ދަރިވަރުންނަށް ހުރި ގޮންޖެހުންތައް ބޭންކަށްވެސް އެނގޭ ކަމަށެވެ. އަދި މިއީ ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ ހިދުމަތްތައް ފޯރުކޮށްދީ އެހީތެރިވުމަށް ބޭންކުން އިސްކަންދޭ މިންވަރު ރިވެލިވާ ނިންމުމެއް ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.