ޕާކިސްތާން-އިންޑިޔާ ގުޅުން މިހާރު އޮތް ފައްތަރަށް ބަލާއިރު ދެ ގައުމުގެ މެދުގައި ހަމަހަމަ ކަމުގެ އަސާސެއްގެ މަތީގައި މުއާމަލާތްކުރެވޭނީ ޕާކިސްތާނުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރެވި އިގުތިސާދީ ގޮތުން ފުދުންތެރިކަން ހާސިލުކުރެވިގެންނެވެ.
މި މަހު ދުނިޔޭގައި ކުރިއަށްދާ އެންމެ މުހިއްމު އެއް ޑިޕްލޮމެޓިކް ހަރަކާތަކީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ދެ ދުވަހަށް ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ޒަމާނުއްސުރެ ވާދަވެރި، އަދި ބައެއްފަހަރު އަދާވާތްތެރި ހަތުރުން ކަމަށްވާ ޕާކިސްތާނާއި އިންޑިޔާގެ ގުޅުމަށެވެ.
ޗައިނާއާއި ރަޝިޔާވެސް ހިމެނޭހެން ނުވަ ގައުމެއްގެ މައްޗަށް އެކުލެވޭ އެސްސީއޯގެ 23 ވަނަ ބައްދަލުވުމުގެ ހަވާސަގައި އިންޑިޔާއާއި ޕާކިސްތާނުގެ ދެމެދުގައި މަޝްވަރާކުރުމެއް ނެތެވެ. އެފަދަ ބައްދަލުވުމެއް ނޯންނާނެކަން ދުނިޔޭގެ މަސްރަހު ދިރާސާކުރާ އެންމެންނަށް ކުރިއްސުރެ އެނގެ އެވެ.
ޕާކިސްތާނަށް ފުރާވަޑައިގަތުމުގެ ކުރިން، އެސްސީއޯގެ ބައްދަލުވުމުގައި އިންޑިޔާގެ ވިސްނުން ގެންގުޅޭނެ ގޮތް ސާފުކޮށްދެއްވަމުން އެގައުމުގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވީ މި ބައްދަލުވުމުގައި ދޭދޭ ގައުމުތަކުގެ މައްސަލަތަކާ ގުޅޭ މަޝްވަރާތަކެއް ނުހިނގާނެ ކަމަށެވެ.
ރަސްމީކޮށް ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށްނުދިޔަ ނަމަވެސް ޖައިޝަންކަރު ޕާކިސްތާނަށް ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔުމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވައި ސަލާމްކުރެއްވުން ފަދަ ކޮންމެ ހަރަކާތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ނުތަނަވަސްކަން އުފެދިފައިނުވެ އެވެ. އެއްވެސް ގައުމަކުން އަނެއް ގައުމަށް ވަށްބަހުން ހަމަލާދީ ދެބަސްވެ އަރައިރުންނުވެ އެވެ. މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި، އިންޑިޔާގައި 2023 ވަނަ އަހަރުގެ މޭ މަހުގައި އޮތް އެސްއޯސީގެ ބައްދަލުވުމަށް ޕާކިސްތާނުގެ ކުރީގެ ހާރިޖީވަޒީރު ބިލާވާލް ބޫއްޓޫ ޒަރްދާރީ ވަޑައިގަތުމުން ޓެރަރިޒަމާ ގުޅޭ ގޮތުން ޖައިޝަންކަރާ ދެބޭފުޅުން މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިގެން ދިޔަ ޒާތުގެ ކަމެއް މި ދަތުރުފުޅުގައި ނުހިނގުމަކީ ރަނގަޅު ލިސާނެކެވެ.
ޕާކިސްތާނާއި އިންޑިޔާއިން އެއް ގައުމު އަނެއް ގައުމުގައި ޓެރަރިސްޓު ޖަމާއަތްތައް ސްޕޮންސާކޮށް ފަންޑުކުރާކަމަށް ތުހުމަތުކުރެ އެވެ. އަދި ބައިނަލްއަގުވާމީ ކޮންމެ ފޯރަމެއްގައިވެސް ދެ ގައުމުންވެސް އެކި ޒާތުގެ ތުހުމަތުތައް ތިލަކޮށް އެއް ގައުމު އަނެއް ގައުމުގެ އަގު ވައްޓައިލެވޭތޯ ބަލަ އެވެ.
ބޫއްޓޫ-ޒަރްދާރީ މޭ މަހު އިންޑިޔާއަށް ކުރެއްވި ޒިޔާރަތަކީ ޕާކިސްތާނުގެ މަތީ ފަންތީގެ ލީޑަރެއް އެ ގައުމަށް 12 އަހަރު ފަހުން ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. ޖައިޝަންކަރަކީ ނުވަ އަހަރަށްވުރެ ގިނަ ދުވަސް ފަހުން ޕާކިސްތާނަށް ވަޑައިގެންނެވި އިންޑިޔާގެ ފުރަތަމަ ހާރިޖީވަޒީރެވެ.
ޕާކިސްތާނުގެ ވެރިކަންކުރާ ޕާޓީ ޕާކިސްތާން މުސްލިމް ލީގުގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުވަނީ ޖައިޝަންކަރު އަރިހުގައި ޕާކިސްތާނަށް ދިޔަ އިންޑިޔާ ނޫސްވެރިންނާ ވާހަކަދައްކަވާފ އެވެ. އެއީ ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ނުބޭއްވި ނަމަވެސް ދެ ގައުމުގެ ގުޅުމުގެ މުސްތަގުބަލާމެދު ޕާކިސްތާނުގެ ވެރިކަންކުރާ ޕާޓީން ދެކޭ ގޮތް ހާމަކުރެއްވުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ބެލިދާނެ އެވެ.
ދެ ފަހަރެއްގެ މަތިން އިންޑިޔާ ނޫސްވެރިންނާ ބައްދަލުކުރައްވައި މިހާރުގެ ބޮޑުވަޒީރު ޝެހްބާޒުގެ ބޭބޭފުޅު ނަވާޒް ޝަރީފުވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް "ޒައިތޫނި ފަތްކޯޅި"އެއް ދިއްކުރައްވާފަ އެވެ. އަދި ލަސްނުވެ ވަރަށް އަވަހަށް ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ފެށުމަށް އުންމީދު ކުރައްވާކަން އޭނާ ހާމަކުރެއްވި އެވެ.
މިއިން އެއްވެސް ބައްދަލުވުމެއްގައި ދެ ގައުމުގެ މެދުގައި ދެބަސްވުން އޮތް އެއްވެސް މައްސަލައަކަށް ނަވާޒް ޝަރީފު އަލިއަޅުވައިނުލައްވަ އެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި ކަޝްމީރަށް ދީފައި އޮތް ހާއްސަ އިމްތިޔާޒުތައް އިންޑިޔާ ސަރުކާރުން ނިގުޅައިގަތުންފަދަ އެއްވެސް މައުޟޫއަކަށް އަލިއަޅުވައިނުލައްވަ އެވެ.
އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރުގެ އޯގަސްޓު ފަސްވަނަ ދުވަހު އެ ގައުމުގެ ގާނޫނުއަސާސީގައި ކަޝްމީރަށް ލިބިދޭ އިމްތިޔާޒުތައް އުވައިލުމާއެކު، ޕާކިސްތާނުގެ އެއިރުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ގިންތި ދަށްކުރައްވާފަ އެވެ.
ޚާން ވެރިކަމުން ދުރުކުރުމަށްފަހު ދެ ފަހަރެއްގެ މަތިން ޝެހްބާޒުގެ ގިޔާދަތުގައި ގާއިމުކުރެވުނު ކޯލިޝަން ސަރުކާރުތަކާއި ވަގުތީ ގޮތުން ގާއިމުކުރި ކެއާޓޭކާ ސަރުކާރުތަކުން އިމްރާން ޚާންގެ ނިންމެވުން ދަމަހައްޓާފައިވެ އެވެ.
އިންޑިޔާ ޕާކިސްތާން ގުޅުން ހީނަރުވީ ކަޝްމީރުގެ އިމްތިޔާޒުތައް ނިގުޅައިގަތުމުންނެއް ނޫނެވެ. އޭގެ މާކުރިއްސުރެ ދެ ގައުމުގެ މެދުގައި އެއްވެސް ކަހަލަ ޑިޕްލޮމެޓިކް ގުޅުމެއް ނެތެވެ. އެއީ 2015 ވަނަ އަހަރު ހަތިޔާރު އެޅި ޖަމާއަތަަކުން އިންޑިޔާގެ ޕަޔަންކޯޓް އެއާބޭސްއަށް ދިން ހަމަލާއަށް ފަހު އެވެ. ޓެރަރިޒަމާއި މަޝްވަރާތައް އެކުއެކީ ކުރިއަށްނުދާނެ ކަމުގައި ބުނެ އިންޑިޔާއިން ޕާކިސްތާނާ ވާހަކަަދެއްކުން ހުއްޓާލައި، ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން މަޝްވަރާކުރުމަށް ޕާކިސްތާނުން އެދުމުންވެސް އެކަމަށް އިންކާރުކުރީ އެވެ.
ނަމަވެސް އިންޑިޔާއިން 2019 ގައި ކަޝްމީރާމެދު ނިންމި ނިންމުމާއެކު، އެއްވެސް މަޝްވަރާއެއް ފެށުން އެ ނިންމުން އަނބުރާ ގެންދިއުމާ ގުޅުވަން ޕާކިސްތާނަށް ޒާތަކަަށް އޮތީ މަޖުބޫރުވެފަ އެވެ. އިމްރާން ޚާނުގެ ވެރިކަމުގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އަލުން އިއާދަކުރެވޭތޯ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ކެބިނެޓުގެ އިސް ބައެއް މިނިސްޓަރުންނާއި އާންމުންގެ ފިއްތުންތަކާއެކު އެ މަސައްކަތް ހުއްޓުމަކަށް އައެވެ.
ޝެހްބާޒުގެ ފުރަތަމަ ދައުރުގައި ވިޔަފާރީގެ ގުޅުންތައް އަލުން އިއާދަކުރެއްވުމަށް އޭނާވެސް މަސައްކަތްކުރެއްވި އެވެ. ނަމަވެސް އާންމުންގެ ފިއްތުން ބޮޑުވެ ރައްޔިތުންގެ ނުރުހުން އަމާޒުވުމުން އެ ހުށަހެޅުން މަތާރަން ފިލާ މައްޗަށް ލެއްވި ގޮތަށް އަދި އެއޮތީ އެގޮތަށެވެ.
ޕާކިސްތާނުގެ ސިޔާސީ މަސްރަހު ތަރުތީބުވެފައި އޮތް ގޮތުން އެންމެ ބޮޑު ސުވާލަކީ ދެ ގައުމުގެ ގުޅުން އިއާދަކުރުމަށް އެ ގައުމުގެ އަސްކަރިއްޔާއިން ތާއީދުކުރޭތޯ އެވެ. މިވަގުތު އަސްކަރިއްޔާގެ ވެރިޔަކަށް ހުންނެވި ޖެނެރަލް ސައްޔިދު އާސިމް މުނީރަކީ އިންޑިޔާއާ އެކުވެރި ގުޅުމެއް ބޭއްވުމަށް މާ ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ނޫނެވެ.
ޖެނެރަލް މުނީރުގެ ވިސްނުންފުޅު ހުރީ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދް ބަޖްވާގެ ވިސްނުންފުޅާ ދިމާ އިދިކޮޅަށެވެ. ބަޖްވާ ގެންގުޅުއްވީ އިންޑިޔާއާއެކު ގުޅުން ރަނގަޅުކުރަން އިސްކަންދެއްވުމުގެ ވިސްނުންފުޅެކެވެ.
ހަމައެކަނި ދުނިޔެއަށް ދައްކައިލާ ދެއްކުމުގެ ގޮތުގައި ނަމަވެސް ކަޝްމީރު މައްސަލާގައި އިމްރާން ޚާންގެ ސަރުކާރުން ނިންމާފައިވާ ގޮތް މުރަޖައާކުރުމަކީ ޕާކިސްތާނަަށް ދަަތިކަމަކަށްވާނެ އެވެ. އެއީ ދެ ގައުމުގެ މެދުގައި އޮތް އެންމެ ބޮޑު މައްސަލާގައި އިންޑިޔާއިން ކުރެހި ރަތް ރޮނގު ބަލައިގަތުން ކަމުގައިވާނެ އެވެ. އެފަދަ ނިންމުމެއް ޕާކިސްތާނުގެ އާންމުން ދެކޭނީ ކަޝްމީރު މައްސަލާގައި ސަރުކާރުންވާ ހިޔާނާތެއްގެ ގޮތުގަ އެވެ.
އަދި ކަޝްމީރުގެ އިމްތިޔާޒުތައް ނިގުޅައިގަތުމަކީ އިންޑިޔާގެ ހައްގެއްކަމަަށް ޕާކިސްތާނުގެ ސަރުކާރަކުން އެއްބަސްވުމަކީ 77 އަހަރު އެ ގައުމުން ދަމަހައްޓަމުން އައި މައުގިފެއް އެކޮޅުކޮޅުން ޖަހައިލުން ކަމަށް އާންމުން ދެކޭނެތީ ޝެހްބާޒުގެ ސަރުކާރަށް އިންޑިޔާއާަ އޮތް ގުޅުން އަލުން އިއާދަކުރުންވާނީ ވަރަށް އުދަގޫ ރާސްތާއަކުން ނޫނީ ހާސިލުނުކުރެވޭނެ އަމާޒަކަށެވެ.
އަދި އިތުރަށް އެ މަސައްކަތް އުދަގޫވާ ސަބަބަކީ ހަރުކަށި ހިންދުތުވާ ފިކުރަށް ތާއީދުކުރާ ބީޖޭޕީގެ ސަރުކާރުގައި ދެ ގައުމުގެ ގުޅުން އިއާދަކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ލީޑަރުން ނެތުމެވެ. ދުނިޔޭގެ މަސްރަހުގައި އިންޑިޔާގެ އިގުތިސާދީ އަދި ޑިޕްލޮމެޓިކް ބާރު އިތުރުވަމުންދާ މިދަނޑިވަޅުގައި ޕާކިސްތާނާއެކު ގުޅުން ރަނގަޅުކުރަން ލާޒިމުވާ ސަބަބެއް އޮތްކަމަކަށް އިންޑިޔާއަށް ނުފެންނާނެ އެވެ.
އިންޑިޔާގެ ހިންދުތުވާ ލީޑަރުން ދެކެވަޑައިގަންނަވާ ގޮތުގައި ޕާކިސްތާނުގެ ކަޝްމީރު ފަޅިއާއި ގިލްގިތު-ބަލިސްތާނަކީ އިންޑިޔާގެ ބައެކެވެ. އަބަދު އާންމު ތަންތަނުގައި އެ ބޭފުޅުން ދައްކަވާ މިވާހަކަފުޅު އަނބުރައިލެއްވުންވާނީ ވަރަށް އުދަގޫ ކަމަކަަށެވެ.
އެހެންކަމުން ނަވާޒް ޝަރީފު ކިތަންމެ ބޭނުންފުޅުވިޔަސް އިންޑިޔާ ޕާކިސްތާން ގުޅުން ކުރު ރާސްތާގައި އަދި މެދު ރާސްތާގައި އިއާދަކޮށް ޑިޕްލޮމެޓިކް މަޝްވަރާތައް ފަށައިގަތުމަކީ ދެ ގައުމަށްވެސް ފަސޭހަ ކަމެއް ނޫނެވެ.
ޕާކިސްތާނަށް އޮތް ހިޔާރަކީ މިހާތަނަށްވެސް ދަމަހައްޓަމުން އައި ސިޔާސަތު ނެގެހެއްޓުމާއެކު ސިޔާސީ ހަމަޖެހުން ގާއިމުކޮށް، މެދުއިރުމައްޗާއި ޗައިނާ އަދި މެދު އޭޝިޔާގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް އިގުތިސާދީ ހާލަތު ރަނގަޅުކުރުމެވެ. ހަމަހަމަ ގުޅުމެއްގެ މަތީގައި އިންޑިޔާއާ މުއާމަލާތްކުރެވޭނީ ސިޔާސީ ހަމަޖެހުން އޮތް އިގުތިސާދީ ގޮތުން ފުދުންތެރި ޕާކިސްތާނަކަށް ވެވިގެންނެވެ.