އޭނާގެ މަގާމާއި މަސްއޫލިއްޔަތު ބަދަލުވުމާއި ގުޅޭގޮތުން މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާ އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ޕޮލިސް ކޮމިޝަނަރު އޮފީހުން އެހެން މަގާމަކަށް ބަދަލު ކުރުމާއި ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް އެ ބަދަލު ގެނައުމުގައި މައްސަލައަކާ ގުޅުމެއް ނެތް ކަމަށް ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން ކުރީން ހުންނެވީ ޕޮލިސް ކޮމިޝަނަރު އޮފީހުގެ ވެރިއަކަށެވެ. ނަމަވެސް އެ މަގާމުން ޝިފާން މިހާރު ވަނީ ސާވިސް ޑިވެލޮޕްމަންޓް ޑިކެރްޓަރުގެ ވެރިޔާގެ މަގާމަށް އައްޔަނު ކޮށްފަ އެވެ. ޝިފާން ހުންނެވި މަގާމަށް ހަމަޖެއްސެވީ އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ އެވެ.
ޝިފާން ވަކި ކުރެއްވީ ޝިފާން މުއާމަލާތް ކުރެެއްވި ގޮތަކުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ކަމަށް ވާހަކަ ދެކެެވެމުންދެ އެވެ.
އެކަން ދޮގު ކުރައްވާ ޝިފާން ވިދާޅުވީ ފުލުހުންގެ އިސް މަގާމުތަކަށް ބަދަލު ގެނައުމާއި ކުރީން ހުންނެވި ޒިންމާގެ ބަދަލުގައި އެހެން ޒިންމާތަކެއް ހަވާލު ކުރެއްވުމަކީ ފުލުހުންގެ އިދާރާގައި އުސޫލުގެ ތެރެއިން އާންމުކޮށް ހިންގާ ކަމެއް ކަމަށެވެ. އަދި އޭނާގެ މަގާމާއި މަސްއޫލިއްޔަތު ބަދަލުވުމާއި ގުޅޭގޮތުން މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާ އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
އަދި ވިދާޅުވީ ފުލުހުންގެ ތަރުޖަމާންގެ ޒިންމާ އަދިވެސް އޮތީ އޭނާއަށް ކަމަށެވެ. އަބަދުވެސް އެންމެ އިސްކަމެއްގެ ގޮތުގައި އޮތީ ވެވުނު އެންމެ ރަނގަޅަށް މުއައްސަސާއަށް ހިދުމަތް ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި މިވަގުތު ހުންނެވީ ކިޔެވުމުގެ ފަހު މަރުހަލާ ފުރިހަމަ ކުރެއްވުމަށް އިނގިރޭސިވިލާތުގަ އެވެ.