އޯގަސްޓު މަހު ޕެންޝަން ފަންޑަށް 120.4 މިލިއަން ރުފިޔާ

ޕެންޝަން ފަންޑަށް މި އަހަރުގެ މިހާތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮފީހުގެ ހިސާބުތަކުން ދައްކާއިރު އޯގަސްޓު މަހުގައި އެކަނި 120.4 މިލިއަން ރުފިޔާ އެ ފަންޑަށް ކޮންޓްރިބިއުޝަނުގެ ގޮތުގައި ލިބުނެވެ.

ޕެންޝަން އޮފީހުގެ ނަން ބޯޑު، ފޮޓޯ: މިނިވަން

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ޕެންޝަން ފަންޑަށް ކޮންޓްރިބިއުޝަނުގެ ގޮތުގައި 120.4 މިލިއަން ރުފިޔާ ލިބިފައިވާކަން ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާގެ ހިސާބުތަކުން ދައްކައިފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މަހަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު އޯގަސްޓު މަހު ޕަބްލިކް ސެކްޓާ ނުވަތަ ސަރުކާރު ކުންފުނިތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތައް ހިމެނޭ ގޮތަށް ޕެންޝަން ފަންޑަށް ކޮންޓްރިބިއުޝަނުގެ ގޮތުގައި 64.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. 

އަދި އަމިއްލަ ވިޔަފާރިތައް ނުވަތަ ޕްރައިވެޓް ސެކްޓާައިން ޖުމްލަ 55.9 މިލިއަން ރުފިޔާ ކޮންޓްރިބިއުޓުކޮށްފައިވާކަން އެ އިދާރާގެ ތަފާސްހިސާބުތަކުން ފެނެ އެވެ. 

އެ ފައިސާގެ ތެރެއިން އެސްޓަބްލިޝްމެންޓުތަކުން ކޮންޓްރިބިއުޓުކޮށްފައިވަނީ 2.3 މިލިއަން ރުފިޔާ އެވެ. އަދި ވަޒީފާ ދޭ ފަރާތްތަކުން ކޮންޓްރިބިއުޓުކޮށްފައިވަނީ 119.5 މިލިއަން ރުފިޔާ އެވެ. 

އޭގެ ތެރެއިން ސަރުކާރު އިދާރާތަކާއި އާންމު މުއައްސަސާތަކުން ޕެންޝަނަށް ކޮންޓްރިބިއުޝަނުގެ ގޮތުގައި 44.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އަދި ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ޓުއާ އޮޕަރޭޓަރުން ފަދަ ޓޫރިޒަމް ވިޔަފާރިތަކުން ޖުމްލަ 18.3 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ކޮންޓްރިބިއުޓު ކޮށްފައިވެ އެވެ. 

"މިރާ" އެދިގެން ޕެންޝަން އޮފީހުން ހިއްސާކުރި ހިސާބުތަކަށް ބަލާއިރު އޯގަސްޓު މަހުގެ ނިޔަލަށް އެ ފަންޑަށް 1.1 ބިލިއަން ރުފިޔާ ކޮންޓްރިބިއުޝަނުގެ ގޮތުގައި ލިބުނެވެ. ފާއިތުވި 14 އަހަރުގެ ތެރޭގައި ޖުމްލަ 14.8 ބިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ލިބިފައިވާކަމަށް އެ ފަންޑުގެ ހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.