އަމީރު ވިދާޅުވަނީ މާލީ ހިސާބުތަކުގެ ރެކޯޑު ގޯސްވީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށް

އަމީރު ވިދާޅުވި ގޮތުގައި ނިމުނު އަހަރު ޑޯނާ ފަންޑެޑް މަޝްރޫއުތަކަށް ދޫކުރި ޑިސްބާސްމެންޓުތައް އެ އަހަރުގެ ބަޖެޓުގައި ރެކޯޑުކުރަން ލިބުނު އެއް މަސްދުވަހުގެ މުހުލަތުގައި އެކަން ނުކުރެވުނީ މި ސަރުކާރުގެ ނާގާބިލުކަމުންނެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފޮޓޯ: ދެން

މާލީ ހިސާބުތައް ބެލެހެއްޓުމުގައި ކުރިމަތިވެގެން އުޅޭ މައްސަލައަކީ މި ސަރުކާރުގެ ނާގާބިލުކަމުން ކުރިމަތިވެގެން އުޅޭ މައްސަލައެއްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ފަރާތުން ހޮނިހިރު ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގެ ދައުރުގައި ފާއިތުވި އަހަރު ބޭރުގެ އެކި ފަރާތްތަކުގެ ފަންޑުގައި ހިންގަމުންދާ މަޝްރޫއުތަކަށް ހަރަދުކުރި ދެ ބިލިއަނެއްހައި ރުފިޔާ އެ އަހަރުގެ ހަރަދުތަކުގެ ތެރޭގައި ރެކޯޑުކުރެވިފައި ނެތުމުން އެ ފައިސާ މި އަހަރުގެ ހަރަދުތަކުގެ ތެރޭގައި ރެކޯޑުކުރަން ޖެހިފައިވާ ކަމަށެވެ.

މިހާރު ދިމާވެގެން އުޅޭ މައްސަލަ ކުރިމަތިވި ސަބަބަކީ ސައުދީ ފަންޑުގައި ހިންގަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ޕޭމެންޓު އެޑްވައިސް މި އަހަރުގެ ޖަނަވަރީ މަހާއި ފެބްރުއަރީ މަހުގައި ލިބުމުން ކމަަށް އަމީރު ވިދާޅުވި އެވެ. ދައުލަތުގެ މާލީ ހިސާބުތަކުގައި ބޭރު ފަރާތްތަކުން ދޫކުރާ ފައިސާގައި ހިންގާ މަޝްރޫއުތަކުގެ ހަރަދުތައް  ރެކޯޑުކުރަނީ އެ ހަރަދަކާ ގުޅޭ ޕޭމެންޓް އެޑްވައިސް މިނިސްޓްރީއަށް ލިބުމުން ކަމަށް އަމީރު ވިދާޅުވި އެވެ. 

އިތުރަށް އަމީރު ފާހަގަކުރެއްވި ގޮތުގައި މާލިއްޔަތު ގާނޫނުގެ ދަށުން ކޮންމެ އަހަރެއްވެސް ނިމި ޖެހިގެން އަންނަ އަހަރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހަރަދުތަކުގެ ތެރެއިން ކުރީ އަހަރުގެ ބަޖެޓުގައި ރެކޯޑުކުރަން ބޭނުންވާ ހަރަދެެއް ރެކޯޑުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންކަމުން ސައުދީ ފަންޑުން ދޫކުރި ފައިސާގެ ޕޭމެންޓް އެޑްވައިސް ޖަނަވަރީ މަހުގައި ލިބުމުން އެ ހަރަދު 2023 ވަނަ އަހަރުގެ ބަޖެޓުގައި ރެކޯޑުކުރުމުގެ ފުރުސަތު އޮންނާނެކަން އަމީރު ފާހަގަކުރެއްވި އެވެ. 

"މިހާރު ފެންމަތިވި މައްސަލަ ދިމާވިކަމަށް އެނގިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑު ޑިސްޕާމެންޓުގެ ޕޭމެންޓު އެޑްވައިސް ޖަނަރީ މަހު އަދި ފެބްރުއަރީ މަހުގައި ލިބުމުން. އެ ޕޭމެންޓު 2024 ވަނަ އަހަރުގެ ބަޖެޓުގައި ރެކޯޑުކޮށްގެން. މީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ޖަނަވަރީ މަހަކީ 2023 ވަނަ އަހަރުގެ ބަޖެޓުވެސް އޯޕެންކޮށް އޮންނާނެ މަހެއް. މާލިއްޔަަތު ގާނޫނުން ފުރުސަތު އެބަލިބޭ އަހަރު ނިމުމުން 30 ދުވަސް ލިބޭނެ ސިސްޓަަމް ރިކޮންސައިލްކޮށްފައި ކުރީ އަހަރުގެ ރެކޯޑުތައް ހަމަޖައްސަން،" އަމީރު ވިދާޅުވި އެވެ. 

އިތުރަށް އަމީރު ވިދާޅުވީ މި ސަރުކާރަަށް އެ ހަރަދު ރެކޯޑުނުކުރެވި އޮތްކަން އެނގުނީ 15 ފެބްރުއަރީ ހަމައަށް 2023 ގެ ބަޖެޓު ހުޅުވިފައި އޮންނަ މުހުލަތުވެސް ފަހަނައެޅިފަހުން ކަމަށެވެ. އަދި އެފަދަ ކަމެއް ފާހަގަނުކުރެވި ދިއުމަކީ ސަރުކާރުގެ ނާގާބިލުކަމުން ކުރިމަތިވި ކަމެއް ކަމުގައި އަމީރު ވިދާޅުވި އެވެ. 

ނިމުނު އަހަރުގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ހޯދައި ކޭޝް ފްލޯއިން ހަރަދުކުރަންޖެހުމާ ގުޅޭ ގޮތުން ސަރުކާރުން ފާހަގަކުރި ކަންކަމަށްވެސް އަމީރު ރައްދުދެއްވި އެވެ. އޭނާ ވިދާޅުވީ އެކަމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށެވެ. އެގޮތުން އޭނާގެ ވަޒީރުކަމުގައި ނެރުއްވި ސާކިއުލާއަކާއި، މި ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ނެރުއްވި ސާކިއުލާއެއްގައި ކުރީ އަހަރުގެ ބިލުތަކުގެ ތެރެއިން ރެކޯޑުނުކުރެވި ހުރި ބިލުތައް މި އަހަރު ރެކޯޑުކުރަން އިދާރާތަކަށް އަންގާފައިވާކަން ސާކިއުލާތަކާއެކު އަމީރު ފާހަގަކުރެއްވި އެވެ. 

"ކުރީ އަހަރުގެ ބިލުތައް މި އަހަރު ދެއްކުމާ ގޮތުން [ފާހަގަކުރަން ބޭނުންވަނީ] ކޮންމެ އަހަރެއް ނިމޭއިރުވެސް އަނެއް އަހަަރުގެ ކޭޝްފްލޯއިން އަދާކުރަންޖެހޭ ބިލުތައް ހުރޭ. ދައުލަތަކީ އޮންގޮއިން ކޮންސާނެއް. ސަރުކާރު ބަދަލުވުމުން އާ ފެށުމަކުން ފެށޭ ކަމެއް ނޫން. އަޅުގަނޑުމެންގެ ދައުރު ނިމުނުއިރު ޕެންޑިން ބިލުތަކުގެ ގޮތުގައި 900 މިލިއަން ރުފިޔާ ހުންނާނެ. 2018 ވަނަ އަހަރު ނިމުނުއިރުވެސް 800 މިލިއަނެއްހައި ރުފިޔާ ހުރި،" އަމީރު ވިދާޅުވި އެވެ. 

އަމީރު ވިދާޅުވި ގޮތުގައި ސަރުކާރަށް ބިލުތައް ދެއްކުމުގައި ކޭޝްފްލޯގެ ތާށިކަން ކުރިމަތިވެގެން އުޅެނީ މި ސަރުކާރަށް ބަޖެޓުގެ ހަރަދާއި އާމްދަނީގެ ފަރަގުވާ ބައި ހަމެޖެއްސުމަށް ފައިސާ ނުހޯދިގެން/ ފައިނޭންސް ނުކުރެވިގެން ކަމަށެވެ. 2023 ވަނަ އަހަރު ސަޕްލިމަންޓަރީ ބަޖެޓުގައި ހޯދަން އޮތް 200 މިލިއަން ޑޮލަރު މި ސަރުކާރުން ހޯދިނަމަ ޕެންޑިން ބިލުތައް ނުހުންނާނެ ކަމުގައި އަމީރު ވިދާޅުވި އެވެ. 

އަމީރު ވިދާޅުވީ ބަޖެޓުގައި ރެކޯޑުކޮށްފައި ހުރި ނުދައްކާ ހުރި ބިލުތަކުގެ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި މި ސަރުކާރުން މި އަހަރު ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓު ހިންގުމަށް ބޭރުން ހޯދުމަށް ކަނޑައަޅާފައިވާ ފައިސާ ނުހޯދިއްޖެނަމަ ނުދައްކާ ހުރި ބިލުތައް އިތުރުވާނެ ކަމުގައިވެސް އަމީރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.