ސަރުކާރުގެ ބަސް: ފަހަތަށް ޖެހުމެއް ނެތް، މަރުގެ އަދަބު ވީހާވެސް އަވަހަކަށް ތަންފީޒުކުރާނެ

"މި ދައުރެއް ނޫން އިނގޭތޯ. މި މަސައްކަތް [މަރުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރުވެ] ނިމޭހާ އަވަހަކަށް [އެކަން ފަށާނަން]

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި ވީ އެންމެ އަވަހަކަށް މަރުގެ އަދަބު ތަންފީޒުކުރަން ފެށުން ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އިހްސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމަކީ މި ސަރުކާރުގެ ނިންމުން ކަމަށާ އެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މަރުގެ އަދަބު ތަންފީޒު ކުރަން ފެށުން ކަމަށެވެ. އެއީ މި ދައުރުގެ ވަކި ހިސާބަކަށް ޓާގެޓް ކޮށްފައި އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ދައުރެއް ނޫން އިނގޭތޯ. މި މަސައްކަތް [މަރުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރުވެ] ނިމޭހާ އަވަހަކަށް [އެކަން ފަށާނަން]. އަޅުގަނޑުމެން ނުބުނާން މި ވެނި ދުވަހެއް ގައޭ އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެންމެ ފާޅުގައި އިއުލާނު ކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. އެއީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރެވެ. މިހާރު މި އޮތީ އެ ޕާޓީ ބައިވެރިވާ ދެވަނަ ސަރުކާރެއް އުފެދިފައެވެ.

ބޭރުގެ ނުފޫޒު ކިތަންމެ ވަރަކަށް އޮތަސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ވެރިކަމުގައި ހުންނަވާ ކިތަންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ވެސް ހެއްދެވި އެވެ. މަރުގެ އަދަބު ތަންފީޒު ކުރާނެ ތަނެއް ވެސް ތައްޔާރު ކުރި އެވެ. ނަމަވެސް ޔާމީންގެ ވެރިކަން ނިމުނުއިރު އެކަން ކުރެވިފައެއް ނުވެއެވެ.

އޭގެ ފަހުން ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އާ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް އިއުލާނު ކުރި އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވުމުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ފަހުގައި ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކޮށްފައި ވަނީ މީގެ 65 އަހަރު ކުރިން 1954 ގަ އެވެ. ނަމަވެސް މިހާރުވެސް މަރުގެ ހުކުމް އައިސްފައި ތިބި ބަޔަކު އެބަ ތިއްބެވެ. ތިން މީހަކު މެރުމަށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.