އެ އިދާރާއިން ބަލަމުންދާ އެހެން މައްސަލަތަކެކޭ އެއްގޮތަށް، ފުލުހުންނާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކި މައްސަލަތަކާ ގުޅިގެން 48 ފުލުހަކަށް ފިޔަވަޅު އަޅާފައި، 17 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސީޕީ ޝުޖާއު ވިދާޅުވީ ފުލުހުންނާ ގުޅޭ ގޮތުން ހުށަހަޅާ އެކި މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ފުލުހުން މިހާރު ދަނީ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ވަނަވަރު ފޮޓޯއާއެކު އާންމު ކުރަމުންނެވެ. އެހެންކަމުން، އެ އިދާރާއިން ބަލަމުންދާ އެހެން މައްސަލަތަކެކޭ އެއްގޮތަށް، ފުލުހުންނާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މި ޕްރޮސެސް ވެސް ހަމަ ޕްރޮފެޝަނަލީ ދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން،" ސީޕީ ވިދާޅުވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުން ތަމްރީނުކޮށް ޕްރޮފެޝަނަލަށް ފުލުހުން ހިދުމަތަށް ނެރުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ އައްޑޫ އާއި ވާނީގައި މިހާރު ވެސް 360 އަށްވުރެ ގިނަ ފުލުހުން ތަމުރީނު ހަދަމުންދާ ކަމަށެވެ.
މިހާރު ވެސް 500 އަށްވުރެ ގިނަ ރެކްރޫޓުން ނުވަތަ ޓްރެއިން ނުހަދާ ފުލުހުން އެބަތިބި ކަމަށާއި، އަންނަ އަހަރު ފެށުމުގެ ކުރިން އެފުލުހުންނަށް ދޭންޖެހޭ ތަމްރީނުތައް ދޭނެ ކަމަށް ވެސް ސީޕީ އިތުރަށް ފާހަގަކުރެއްވި އެވެ.