ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 69

ސުހާގެ ކަޅި އަމާޒް ވެފައި ވަނީ އަޔާޒްގެ ދެލޮލަށެވެ. ސުހާގެ ޖުމުލައިން އަޔާޒަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ތެޅިގަނެގެން ދިޔަހެންނެވެ.

- އެޕިސޯޑް 69 –

ދާއިން އޭނާގެ ދެ ލޮލުން ފައިބަން ފެށި ކަރުނަތައް ވަރަށް އަވަސް އަވަހަށް ފޮހެލަމުން ގަދަ ކަމުން ހިނިތުންވެލިއެވެ.

"ސޮރީ.. ސޮރީ.."

ދާއިން ބަލައިލީ ލީޒާގެ މޫނަށެވެ. ލީޒާއަށް ވަރަށް އަސަރު ކުރިއެވެ. އިންތިހާއަށް ދެރަވިއެވެ. ދާއިން ފޮރުވަން އުޅުނަސް، ދާއިންގެ ދެ ލޮލުން ދާއިންއަށް ކޮށްފައިވާ އަސަރު ފޮރުވާނީ ކިހިނެއް ހެއްޔެވެ؟ ދާއިންގެ މޫނު މަތިން ފެންނަނީ ދާއިން ޝަރާ ދެކެވާ ހަޤީޤީ ލޯތްބެވެ. ޝަރާއަށް އެދެވޭ ވަރެވެ. އުއްމީދެއް ނެތް ޙާލުގައި، ލިބެން ނެތް އުފަލަކަށް ޓަކައި ދާއިންގެ ހިތް އެދެވޭ ވަރު ދާއިންގެ އަމަލު ތަކުން ޝައްކެތް ނެތް މިންވަރަށް އެނގި ސާބިތު ވެއެވެ.

"ނޭނގެ ވީ ގޮތެއް.. ޝަރާގެ ވާހަކަ ދެއްކޭ ކޮންމެ ފަހަރަކު، ޝަރާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު.. މި ދެ ލޮލުން ކަރުނަ އާދޭ! އަހަރެން ބޭނުމެއް ނޫން މިހާ ބަލިކަށި ވާކަށް.. އެކަމު، އަހަރެންނަށް... ޝަރާ އަހަރެމެންނާ ވަކިވާން ޖެހޭ ދުވަސް ވަރަށް ގާތްވާކަން އެނގޭ ކޮންމެ ފަހަރަކު އުނދަގޫ ވަނީ.. ހިތަށް ތަދު.."

ދާއިން ބުނަން އުޅުން ޖުމުލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮޮށް ދާއިންއަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ދާއިން ވަރަށް އަވަސްކޮށް ފޯނު ނެގިއެވެ.

"ހަލޯ ޝަރާ.." ދާއިން ވަރަށް އަވަހަށް ފޯނަށް ޖަވާބު ދިނެވެ.

"ދާ... ދާއިން... އަހަރެން..."

ޝަރާގެ ދުލުން ބަސްތައް ނުކުތީ ބުރިބުރި ވަމުންނެވެ. ޝަރާގެ އަޑުން އޭނާއަށް ކަމެއް ވެއްޖެކަން ދާއިންއަށް ޔަޤީން ކުރެވުނެވެ.

"ޝަރާ.. ކިހިނެއްވީ؟ މަޑު ކުރައްޗޭ ޝަރާ.. ޕްލީޒް.. ހިތްވަރު ކުރާތި! މި ދަނީ.. ހަމަ މިހާރު.."

ދާއިން ވަރަށް އަވަހަށް ކޮޅަށް ތެދުވެ ދުއްވައިގަތެވެ. ދާއިންގެ ފަހަތުން ހަލުވި ހިނގުމެއްގައި ލީޒާ ހިނގައިގަތީ، މޭޒް މަތީގައި ބިލަށް ވާ ވަރަށް ފައިސާ ބެހެއްޓުމަށްފަހުގައެވެ.

***

"ހަލޯ ވާރިޝް.."

އެނދުގައި ހަމަޖެހިލަމުން ސުހާ ވާހަކަދައްކަން ފެށިއެވެ. އަޔާޒް ގޭގައި ނޫޅޭ ވަގުތު ތަކުގައި މީ ސުހާގެ އާދާއެވެ.

"ހާދަ ދުރުވެއްޖޭ! އަހަރެން ގުޅީމަ ނޫނީ ގުޅާލަން ވެސް ނުކުރޭ ދޯ؟"

ސުހާ ޝަކުވާ ކުރާ ރާގެއްގައި ބުނެލިއެވެ.

ވާރިޝް ފުންކޮށް ނޭވާއެއް ދޫކޮށްލަމުން މަގުގެ ދެ ފަރާތް ބަލާލިއެވެ. ސުހާއާ ވާހަކަދައްކަން ވާރިޝް އާންމުކޮށް ނުކުންނަނީ ބޭރަށެވެ.

"އީމާ ޕްރެގް ވީމަ.. އެނގޭނު ސުހާއަށް.."

ވާރިޝްގެ ޖުމުލައިން ސުހާ ފުންމައިގެން އެނދުން ތެދުވިއެވެ. ސުހާއަށް ވާރިޝްގެ ދުލުން ބޭރުވި ޖުމުލަ ވެގެން ދިޔައީ ދުނިޔެ ވަރުގެ އެއްޗަކަށެވެ.

"ކީކޭ؟ އީމާ ޕްރެގް ވީމައޭ؟ ތީގަ އަހަރެންނަކަށް ނޭނގެ ވާރިޝް އަހަރެންނާ ދުރު ވާން ޖެހޭ ސަބަބެއް.. އީމާ ޕްރެގް ވެގެންނޭ ކިޔާފަ.. އަހަރެންނަށް މި ހީވަނީ ހަމަ ރަނގަޅަށްތާ ދޯ؟ ވާރިޝް އަހަރެން ބާކީ ކޮށްލަނީ ދޯ؟ އަހަރެން ވެސް މީނީ ބަލިވެ... ހަމަ ވާރިޝްގެ ދަރިއަކަށް... އަހަރެން މިވާ ޤުރުބާނީ ވަކި ކުޑަތަ؟ އަހަރެން މި ތަނަށް އައީ ވެސް ހަމަ ވާރިޝް ބުނެގެން.. އެ ނޫން ދެވަނަ މީހެއް ބުނެގެން ނޫން.. އަހަރެން ކަންތައް މި ކުރަނީ ވެސް، ހަމަ ވާރިޝް ބުނި ގޮތަށް.. އަކުރުން އަކުރަށް.."

ސުހާ ވާހަކަދައްކަމުން ދިޔައެވެ.

"ތި މާ ބޮޑަށް ވިސްނަނީ އޭ ސުހާ.. ތި ހަމަ ޖެހިބަލަ! އަދި ތިވަރު ވާން ޖެހޭ އެއްޗެއް އަހަންނެއް ނުބުނަން ދޯ؟.. އަހަރެން ސުހާ ދެކެ ވަރަށް ލޯބިވޭ.. ސުހާއާ ވަކިން އަހަރެން ކިހިނެއް ދިރުއުޅޭނީ؟ އެކަމު އަހަރެން ނުބުނާ ކަންތައް ވެސް ސުހާއަށް އެބަ ކުރެވޭ.. އަހަރެން ނުބުނަން ދޯ އަޔާޒަށް ބަވާކަށް.."

ސުހާގެ ވާހަކަތަކަށް ވާރިޝް ޖަވާބު ދިނެވެ.

"އެއީ އަހަރެން އަޔާޒްއާ އެކުގައި އުޅެން ބޭނުން ނުވާތީ.. އަހަރެން ބޭނުން ވަނީ ވަރި ވާން.. އަހަރެން ބޭނުން ވަނީ ހަމަ މިހާރު ވެސް ވާރިޝްއާ މެރީ ކުރަން.."

ސުހާގެ ވިސްނުމާ ފިކުރާ، ވާރިޝްގެ ވިސްނުން މިހާރު މުޅިން ތަފާތެވެ. މިހާރު އެއްގޮތަކަށް އީމާއަށް ދެރަވާނެ ގޮތަށް އެއްވެސް ކަމެއް ކުރާކަށް ވާރިޝް ބޭނުމެއް ނޫނެވެ. ނަމަވެސް ވާރިޝް އެކަހަލަ ވާހަކައެއް ބުނެފިއްޏާ، ކަންތައް ވަރަށް ގޯސް ވާނެ ކަން ވާރިޝްއަށް ޔަޤީނެވެ. އެހެންވެ އެކަހަލަ އެއްވެސް ވާހަކައެއް ދައްކަން ވާރިޝް ބޭނުން ނުވަނީއެވެ.

"ވާރިޝް.. ކީއްވެ އެއްޗެއް ނުބުނީ؟ އަޅެ ބުނެބަލަ! ވާރިޝް އަހަރެން ދެކެ ލޯބި ވޭތަ؟"

ވާރިޝްގެ ފަރާތުން ލިބުން ހިމޭން ކަމުން ސުހާ އަހައިލިއެވެ.

"އާނ... ވަރަށް ލޯބިވޭ!"

ވާރިޝް ޖަވާބު ދިނެވެ. އެޔަށް ފަހު ވާރިޝްއަށް އެ ޖަވާބާ މެދުގައި ވިސްނާލެވުނެވެ. ވާރިޝްގެ ސިކުނޑިއަށް އައީ، ހަމަ ވާރިޝް ދިން ޖަވާބެވެ. ވާރިޝް ސުހާ ދެކެ ލޯބި ވެއެވެ. ނަމަވެސް ވާރިޝްއަށް ޔަޤީން ނުވާ ކަމަކީ ކުރިން ވި ވަރަށް ލޯބިވާ ކަމެވެ. މިއަދު ވާރިޝްގެ ޚިޔާލު ތަކުގައި ބޮޑަށް ވަނީ އީމާއަށް ދެރައެއް ނުދިނުމެވެ. ނަމަވެސް އީމާ ދެކެ ލޯބިވާ ކަމެއް ވާރިޝް އަކަށް އަދިވެސް ޔަޤީނެއް ނޫނެވެ. އެއީ ވާރިޝްއަށް ޖަވާބު ލިބިފައިވާ ނުވާ ކަމެކެވެ.

***

"ޝަރާ.. ޝަރާ.." 

ގޭގެ ދޮރު ހުޅުވާލުމާ އެކުގައި، ލީޒާ އާއި ދާއިންގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ކޮޓަރި ތެރެއިން އަކްޔަން ހުއްޓާ ނުލައި ރޯ އަޑު އިވެމުން ދާއިރު، ސިޓިންގރޫމްގެ ޓައިލްސް މަތީގައި ލެއިން ތަތް ތެޅިފައި އޮތީ ޝަރާއެވެ. އެވަގުތު ވެސް ޝަރާގެ އަނގައިން އާއި ނޭފަތުން ލޭފައިބަމުން ދިޔައެވެ. ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކުގައި ދާއިންއަށް އިޙްސާސްވީ އޭނާގެ ދެފައި އޮޅިގެން ވެއްޓެން އުޅުން ހެންނެވެ. ލީޒާ ވަރަށް އަވަސްކޮށް ދާއިންގެ އަތުގައި ހިފާލިއެވެ.

"ލީޒާ ދޭބަލަ! ރޫމަށް.. އަކްޔަން ހުއްޓުވަބަލަ!" 

ދާއިން ވާހަކަދެއްކި އިރު އޭނާގެ އަޑު ތުރުތުރު އަޅައެވެ.

ވެއްޓިފައި އޮތް ޝަރާއަށް ބަލަމުން ބަލަމުން ގޮސް ލީޒާ ވަނީ ކޮޓަރިއަށެވެ. ޝަރާ އޮތް ގޮތް ފެނިފައި ލީޒާއަށް ކެތް ނުވެގެން ރޮވެން ފެށުނެވެ. ދާއިން އެމްބިޔުލާންސަށް ގުޅާފައި އައިސް އިށީންނީ ޝަރާގެ ގާތުގައި އުޑުފައިންނެވެ. އަދި ވަރަށް ފުންކޮށް ޝަރާގެ ހަށިގަނޑާއި މޫނަށް ބަލައިލިއެވެ. އަދި ޝަރާގެ ވިންދު ހުރިތޯ ޗެކް ކޮށްލަން ދާއިން އޭނާގެ އަތް ޝަރާގެ ހަށިގަނޑާއި ކައިރި ކޮށްލިއެވެ. އެވަގުތު ވެސް ދާއިންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.