މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމުގައި ހަރުކޮށްދޭ ފުރަތަމަ 700 ޔުނިޓް މިހާރު ހުރީ އައުމުގެ މަގުމަތީގައި ކަމަށެވެ. އޭގެ ތެރެއިން ބައެއް ޔުނިޓްތައް މިހާރު މާލޭގެ ބަނދަރުގައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން އިފްތިތާހުކޮށްފައިވާ "މަގޭ ސޯލާ" ޕްރޮގްރާމުގެ އަމަލީ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ފެށޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަގޭ ސޯލާ ޕްރޮގްރާމަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. ސްޓެލްކޯ އަދި ފެނަކައާ ގުޅިގެން ހިންގާ މި ޕްރޮގްރާމު އިފްތިތާހުކޮށްފައި ވަނީ ނޮވެމްބަރު 28، 2023 ގައެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތުގެ ތެރެއިން މުޅި ސިސްޓަމް ހަރުދަނާ ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކަރަންޓުގެ އެފިޝިއެންސީ އަދި ކަރަންޓުގެ ޓެރިފް ކުޑަކުރަން. އެޔާއެއްކޮށް ހަމަ އަމިއްލަ ފަރާތްތަކަށް ކަރަންޓު ބިލު ކުޑަކުރުމަށް މިހާރު މިވަނީ 'މަގޭ ސޯލާ'ގެ ނަމުގައި ރޫފް ސޯލާ ސިސްޓަމްތަކެއް ހަރުކޮށް، އެ މަސައްކަތް މިހާރު މަހެއްހާ ދުވަސްތެރޭ އަމަލީ ގޮތުން އެ މަސައްކަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މަގޭ ސޯލާ ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ގޭބިސީތަކުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތަކަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށެވެ. ސޯލާ ޕީވީ ނިޒާމުތައް ހަރުކުރާނީ އެ ރަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުނިންނެވެ.
އެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމުގައި ހަރުކޮށްދޭ ފުރަތަމަ 700 ޔުނިޓް މިހާރު ހުރީ އައުމުގެ މަގުމަތީގައި ކަމަށެވެ. އޭގެ ތެރެއިން ބައެއް ޔުނިޓްތައް މިހާރު މާލޭގެ ބަނދަރުގައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ. މި މަސައްކަތް ކުރެވުމުން ކަރަންޓު ބިލު ކުޑަވެގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ ކަރަންޓު ބިލު ބޮޑުވާ އެއް ސަބަބަކީ ތެލަށް ދައްކަން ޖެހޭ ޓެރިފް ބޮޑުވުމެވެ. ކަރަންޓު ބިލު ކުޑަކުރަން ކެނޑި ނޭޅި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރުވެސް އަޅުގަނޑުމެން ބަލާލާއިރު ޖަނަރޭޝަން ކެޕޭސިޓީއަށް ބަލާލާކަމަށްވަންޏާ ހާއްސަކޮށް ރެސިޑެންޝަލް ދާއިރާގަ އިންނަ ޔުނިޓްތަކަށް ބަލާއިރު ގާތްގަނަޑަކަށް 500 ޔުނިޓަށް އަރާއިރުވެސް ޖަނަރޭޝަން އެ ހުންނަ އަދަދުތައް، ޓެރިފް އަދަދުތަކަކީ ޖަނަރޭޓް ކުރާ އަދަދަށްވުރެ މާ ކުޑަ އަދަދެއް،" އެކަން ރަގަޅު ކުރެވޭނީ މުޅި ސިސްޓަމްގެ އެފިޝިއެންސީ ރަގަޅު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން ކުރިން ބުނެފައި ވަނީ މަގޭ ސޯލާ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދޭނެ ކަމަށެވެ. ސަރުކާރުން މިކަން ކުރަން ރާވާފައި ވަނީ ގޭގޭގެ ފުރާޅުތަކުގައި ތިން ކިލޯވޮޓާއި ފަސް ކިލޯވޮޓުގެ ނިޒާމުތައް ހަރުކޮށްގެންނެވެ.