"ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމަ އަށް ޖަވާބުދާރީވާން ޖެހޭނެ،" އެކްސް ގައި ކުރެއްވި ޕޯސްޓް ގައި ނާއިބު ރައީސް ވިދާޅުވި އެވެ.
ކޮވިޑް19އާ ގުޅިގެން ރާއްޖެއަށް ލިބުނު އެހީގެ ތަފްސީލުތައް ކުރީގެ ސަރުކާރުން -- ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފޮރުވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނާއިބު ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް ގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމު ދައުލަތުގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަފުޅު ދެއްކެވުމުންނެވެ.
ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އައި ދައުލަތުގެ ހަރަދުބަރަދުގެ ހިސާބުތައް ޖޫން މަހުން ފެށިގެން އާންމުނުކުރާ ސަބަބު ބަޔާންކޮށްދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އެ ހިސާބުތައް އާންމުކުރުން ހުއްޓާލާފައިވަނީ ކުރީ ސަރުކާރުގައި ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ އެކަންކަަން ރަނގަޅުކުރުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ.
އަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ސަރުކާރުން ކަންކަން އޮޅުވައިލަނީ ކަމަށެވެ. އެ އޮޅުވައިލުންތައް އޮޅުވައިނުލައިވެސް މި އަހަރުގެ ބާކީ އޮތް ތަނުގައި ހަރަދު ހަމަޖެއްސުމަށް ސަަޕްލިމަންޓަރީ ބަޖެޓެއް ހުށަހެޅިދާނެ ކަމުގައި އަމީރު ވިދާާޅުވި އެވެ.
އިތުރަށް އޭނާ ވިދާޅުވީ ސަރުކާރަށް އަހަރުވާއިރު ހިންގުނު ތަރައްގީގެ މަޝްރޫއެއް ނެތްކަމަށާއި، އިގުތިސާދީ ގިނަ ހަރަކާތްތައް މަޑުޖެހި ރަށްރަށުގެ އިގުތިސާދުތައް މުޅިން ހުއްޓިފައިވާ ކަމަށެވެ. އަމީރު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުގެ ހަރަދުބަރަދުގެ ހިސާބުތައް ޝާއިއުނުކުރަނީ މުޅިން ތަފާތު ސަބަބަކާ ހުރެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހިސާބުތައް ޝާއިއުނުކުރަނީ އެއްވެސް މަޝްރޫއެއް ނުހިންގައި، ސަރުކާރުގެ ހަރަދުތައް ބޮޑުވެ، އިސްރާފުތައް ގިނެވެ، 49.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެގެންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ ނާއިބު ރައީސް ވިދާޅުވީ ފެނިގެން ދަނީ ނިމިދިޔަ ސަރުކާރަށް ލިބުނު ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ނަހަމަ ގޮތުގައި ކުރަމުން ދިޔަ ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ދައުލަތަށް ކޮވިޑްގެ ދުވަސްވަރު ލިބުނު އެހީގެ ތަފްސީލުވެސް ފޮރުވާފައި ވަނީ މިބީދައިން ކަމަށެވެ.
"ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމަ އަށް ޖަވާބުދާރީވާން ޖެހޭނެ،" އެކްސް ގައި ކުރެއްވި ޕޯސްޓް ގައި ނާއިބު ރައީސް ވިދާޅުވި އެވެ.