ވޭޕު މަނާކުރުން | ވިޔަފާރިތައް ކުއްލިއަކަށް ބަންދުކުރަންޖެހި ބޮޑެތި ގެއްލުންތަކެއް

ވޭޕުގެ ބާވަތްތައް ވިއްކާ ވިޔަފާރިތަކުން ކުރާ މައިގަނޑު ޝަކުވާއަކީ އެމީހުންނާ ވާހަކަދެއްކުމެއްނެތި އެކަށީގެންވާ މުއްދަތެއްވެސް ނުދީ ވޭޕު މަނާކުރުމުން ކުރިމަތިލާންޖެހޭ ގެއްލުމާއި ތަހައްމަލުކުރަންޖެހޭ މާލީ ބުރަތަކެވެ.

ވޭޕް

ވޭޕުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އިޝާރާތްވުމެއް ނެތި ކުއްލި ގޮތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ވޭޕުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން މަނާކުރަން ނިންމުމުން ވޭޕުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމުގައި އެ ވިޔަފާރިތަކުން ބުނެފި އެވެ. 

ރާއްޖޭގައި އެންމެ ފުޅާކޮށް ވޭޕުގެ ވިޔަފާރިކުރާ އެއް ކުންފުނީގެ ވެރިޔަކު ބުނީ އެމީހުން ކޮންމެ މަހަކުވެސް ގިނަ އަދަދަކަށް ފްލޭވާއާއި ވޭޕު ބުއިމަށް ބޭނުންކުރާ ޑިވައިސްތައް ގެންނަ ކަމަށެވެ. ހިނގަމުންދާ އޮކްޓޯބަރު މަހުވެސް ދެ ޝިޕްމެންޓެއް ގެނެސްފައިވާ ކަމަށެވެ. ކުއްލިއަކަށް ސަރުކާރުން ވޭޕު މަނާކުރަން ނިންމުމުން ބޮޑު އަގު ދީފައި ގެނައި ޝިޕްމެންޓުތައް އުކައިލަންޖެހޭނެ ކަމުގައި އޭނާ ބުންޏެވެ. 

އިތުރަށް އޭނާ ފާހަގަކުރީ މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށެވެ. ގިނަ ފަހަރަށް އެ ވިޔަފާރިތަކުގެ ކަސްޓަމަރުންނަކީ އާންމު ފަރުދުން ކަމަށާއި، ސިނގިރެޓުގެ ވިޔަފާރިއާ އެއްވަަރަށް ވޭޕުގެ ވިޔަފާރި ފުޅާވެފައި ނެތުމުން، ވިޔަފާރި ފުޅާކުރަން ލޯނުތައްވެސް ނަގަަންޖެހިފައިވާ ކަމަށެވެ. 

"އާ ޝިޕްމެންޓުތައް ގެންނަން، އާ ފިހާރަ ހުޅުވަން އަޅުގަނޑުމެން މިޖެހެނީ ލޯނު ނަގަން. ހަމަ ބޭންކުތަކުން ބޮޑެތި އިންޓަރެސްޓުގައި ބޮޑު ލޯނުތައް ނަގައިގެން މިތިބީ. ދެން ކުއްލިއަކަށް ވިޔަފާރިކުރުން މަނާކޮށް، ބޮޑެތި އަދަބުތައް ދޭ ގޮތަށް ނިންމީމާ މި ލޯނުތައް ދައްކަނީ ކިހިނެއްތޯ؟ ކީއްވެތޯ ވަގުތު ދީގެން މިކަން ނުކުރެވެންވީ؟،" އޭނާ ސުވާލުކުރެއްވި އެވެ. 

ވޭޕުގެ ވިޔަފާރިކުރާ އިތުރު ތަނެއްގެ ވެރިޔަކު ބުނީ އެންމެ ބޮޑު މައްސަލައަކީ ވަގުތު ނުދިނުމެވެ. އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވިޔަފާރި މަނާކޮށް އަދަބު ދޭއިރު މުވައްޒަފުންވެސް ވަކިކުރެވޭނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތުތަކެއް ދިނުމަށްފަހުކަން އޭނާ ފާހަގަކުރި އެވެ. ނުލިބޭ ފައިސާއަކުން މުވައްޒަފުންނަށް މުސާރަ ދޭންޖެހޭނެކަމަށްވެސް ބުންޏެވެ.

"އަންނަ މަހު އަހަރުމެން މުސާރަ ދޭންޖެހޭ، ވިޔަފާރިއެއް ނުކުރެވޭ. ކިހިނެއް މިކަން ކުރަނީ؟ މިކަހަލަ ކަމެއް ނިންމާއިރު މިކަމުގައި އުޅޭ މީހުންނާވެސް މަޝްވަރާކޮށްލަންޖެހޭނެ ދޯ؟ އަހަރުމެން ކައިރީ ބުނެލީމާ ކުރިއާލައި ތައްޔާރުވާން ވަގުތު ލިބުނީސް ދޯ؟،" އޭނާ އޮއްސައިލީ ސުވާލުތަކެކެވެ. 

އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 24، 2024 އިން ފެށިގެން މަނާ ކުރުމަށާ ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.