އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި މިފްކޯއަށް އަންގާފައިވަނީ 14 ދުވަހުގެ ތެރޭގައި 20.5 މިލިއަން ރުފިޔާ އެމްޕްލޯއިމެންޓް ބިއުރޯ މޯލްޑިވްސްއަށް ދެއްކުމަށެވެ.
މިފްކޯއާއި އަމިއްލަ ވިޔަފާރި ކުންފުންޏަކާ ދެމެދު ހެދި އެއްބަސްވުމާ މިފްކޯއިން ހިލާފުވިކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް އެގޮތުގައި ދަމަހައްޓަން ސިވިލް ކޯޓުން ނިންމައިފި އެވެ.
އެމްޕްލޯއިމެންޓް ބިއުރޯ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓަށް ޖަވާބުދާރީވުމަށް މިފްކޯއިން ހާޒިރުނުވުމާ ގުޅިގެން އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމްކުރީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހު އެވެ.
އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި މިފްކޯއަށް އަންގާފައިވަނީ 14 ދުވަހުގެ ތެރޭގައި 20.5 މިލިއަން ރުފިޔާ އެމްޕްލޯއިމެންޓް ބިއުރޯ މޯލްޑިވްސްއަށް ދެއްކުމަށެވެ.
ޣައިރު ހާޒިރުގައި ކުރެވޭ ހުކުމްތައް ރިވީއުކުރަން ކޯޓުގައި އެދުމަށް އޮންނަ އުސޫލުގެ ދަށުން މިފްކޯއިންވަނީ ސިވިލް ކޯޓުގެ ހުކުމް މުރާޖައާކޮށް ބާތިލުކޮށްދިނުމަށް ހުށަހަޅާފަ އެވެ.
އެ މައްސަލާގައި މިފްކޯއިން ބުނީ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، އަދި ބަދަލު ނަގައިދޭން ނުޖެހޭ ހަގީގީ ބައިވަރު ސަބަބުތައް އެބަހުރި ކަމަށްވެސް މިފްކޯއިން ކޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް ނިމުނު ހަފުތާގެ ބުރާސްފަތިދުވަހު ސިވިލް ކޯޓުން ނިންމާފައިވަނީ އެ މައްސަލާގައި އެ ކޯޓުން ކުރި ފުރަތަމަ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ނުވަތަ ބާތިލުކުރަންޖެހޭ ސަބަބެއް މިފްކޯއަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނެތް ކަމަށެވެ.
އަދި ހުކުމަށް ބަދަލެއް ގެންނަންވީ ސަބަބެއް ނުވަތަ ބާތިލުކުރަންޖެހޭ ސަބަބެއް މިފްކޯއަށް ކިޔައިނުދެވުމުން އެ ހުކުމް އެގޮތުގައި ދެމިއޮންނާނެ ކަމަށް ސިވިލް ކޯޓުން ނިންމި އެވެ.