އަމީރުގެ ރައްދު | ބަލާނެ އެއްޗެއް ބަލާފައިވެސް ހިސާބުތައް ޝާއިކުރެވޭހާ ދުވަސްވެއްޖެ

މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގޯސް ހެދިކަމަށް ސަރުކާރުން ކުރާ ތުހުމަތަކީ އޮޅުވައިލުމެއްގެ ގޮތުގައި ސިފަކުރައްވައި އަމީރު ވިދާޅުވީ ބަލަން ހުރި ކަންކަން ބެލުމަށްފަހު ހިސާބުތައް ޝާއިއުކުރެވޭހާ ވަގުތު ސަރުކާރަށް ލިބިއްޖެ ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --

މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމު ދައުލަތުގެ މާލީ ހިސާބުތަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވައި، އެ ބޭފުޅުން ފާހަގަކުރެއްވި މައްސަލަތައް ބެލުމަށްފަހު، ދައުލަތުގެ ހަރަދުބަރަދުގެ ހިސާބުތައް ޝާއިއުކުރާނެހާ ވަގުތު ލިބިއްޖެކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. 

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އައި ދައުލަތުގެ ހަރަދުބަރަދުގެ ހިސާބުތައް ޖޫން މަހުން ފެށިގެން އާންމުނުކުރާ ސަބަބު ބަޔާންކޮށްދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އެ ހިސާބުތައް އާންމުކުރުން ހުއްޓާލާފައިވަނީ ކުރީ ސަރުކާރުގައި ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ އެކަންކަަން ރަނގަޅުކުރުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ. 

އެގޮތުން އޭނާ ފާހަގަކުރެއްވީ ދައުލަތުގެ މާލީ ހިސާބުތައް ރެކޯޑުކުރުމުގައި ބޭރު ފަރާތްތަކުން ފަންޑުކޮށްގެން ހިންގާ މަޝްރޫއުތަކަށް ފައިސާ ދޫކޮށް ހަރަދުކުރި ނަމަވެސް އެ ފައިސާ ދޫކުރި އަހަރުގެ ހިސާބުކިތާބުގައި އެ ހަރަދުތައް ހިމަނާފައިނުވެ އެވެ. އަދި އެއާ ޖެހިގެން އަންނަ އަހަރުގެ ހިސާބުތަކަށް އެ ފައިސާގެ އަދަދު އިތުރުކުރަމުން ގޮސްފައިވެ އެވެ. 

މިގޮތަށް ކަަންކަން ކުރުމުގެ ސަބަބުން ފާއިތުވި އަހަރު ބޭރުން ފަންޑު ލިބިގެން ހިންގާ މަޝްރޫއުތަކަށް ހަރަދުކުރި ދެ ބިލިއަނެއްހައި ރުފިޔާ މި އަހަރުގެ ހަރަދުތަކުގެ ތެރޭގައި ހިމަނަންޖެހިފައިވާތީ، އެކަމަކީ ގާނޫނާ ހިލާފުކަމެއްކަމަށް ފެނިވަޑައިގަންނަވާތީ، އެ ކަމުގައި އަމަލުކުރާނެ ގޮތެއް އޮޑިޓާ ޖެނެރަލްގެ ލަފާފުޅުގެ މަތިން ނިންމެވުމަށް މަސައްކަތްކުރައްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

ސަރުކާރުން މިއަދު ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި އަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ސަރުކާރުން ކަންކަން އޮޅުވައިލަނީ ކަމަށެވެ. އެ އޮޅުވައިލުންތައް އޮޅުވައިނުލައިވެސް މި އަހަރުގެ ބާކީ އޮތް ތަނުގައި ހަރަދު ހަމަޖެއްސުމަށް ސަަޕްލިމަންޓަރީ ބަޖެޓެއް ހުށަހެޅިދާނެ ކަމުގައި އަމީރު ވިދާާޅުވި އެވެ. 

އިތުރަށް އޭނާ ވިދާޅުވީ ސަރުކާރަށް އަހަރުވާއިރު ހިންގުނު ތަރައްގީގެ މަޝްރޫއެއް ނެތްކަމަށާއި، އިގުތިސާދީ ގިނަ ހަރަކާތްތައް މަޑުޖެހި ރަށްރަށުގެ އިގުތިސާދުތައް މުޅިން ހުއްޓިފައިވާ ކަމަށެވެ. 

އަމީރު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުގެ ހަރަދުބަރަދުގެ ހިސާބުތައް ޝާއިއުނުކުރަނީ މުޅިން ތަފާތު ސަބަބަކާ ހުރެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހިސާބުތައް ޝާއިއުނުކުރަނީ އެއްވެސް މަޝްރޫއެއް ނުހިންގައި، ސަރުކާރުގެ ހަރަދުތައް ބޮޑުވެ، އިސްރާފުތައް ގިނެވެ، 49.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެގެންނެވެ. 

އަދި ބަޖެޓު ހުސްވިއިރު ހާލަތު ރަނގަޅުވީ އެންމެ ބައެއްގެކަމަށާއި، އެއީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައާއި ކުންފުނިތަކުގެ މަގާމުތަކުގައި ހާހުން ތިބި ސިޔާސީ އެކްޓިވިސްޓުން އެކަނި ކަމށްވެސް އަމީރު ވިދާޅުވި އެވެ. އަދި ސަރުކާރުން ބަލަން ބޭނުންވާ ކަމެއް ބެލުމަށްފަހު ހިސާބުތައް ޝާއިއުކުރެވޭނެހައި ވަގުތު ލިބުނުކަމަށްވެސް ވިދާޅުވި އެވެ. 

މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ހަރަދުބަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަނުކުރެ އެވެ. ކުރިން ސަރުކާރުން ބުނެފައިވަނީ ހިސާބުތަކުގެ ސައްހަކަން ކަަށަވަރުކުރުމަށްފަހު ޖުލައި މަހުގެ ފަހު ހަފުތާއިން ފެށިގެން އަލުން ހިސާބުތައް ޝާއިއުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް ޖުލައި މަސް ނިމި އޯގަސްޓު އަދި ސެޕްޓެންބަރު ނިމުނުއިރުވެސް އެ ހިސާބުތައް ޝާއިއުނުކުރެ އެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާބުތައް ޝާއިއުކުރަން ފެށޭނެ ތާރީހަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން އެ ހިސާބުތައް ޝާއިއުކުރާނެ ސީދާ ތާރީހެއް މިނިސްޓަރު ޒަމީރު ހާމަނުކުރައްވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.