އުޝާމު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ އެ މައްސަލަތައް ބައްލަވާނެ ކަމަށާއި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފުވެފައިވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމުގައި ބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.
މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއެކު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ދެ ބިލިއަނެއްހައި ރުފިޔާ ނިޒާމުގެ ތެރެއަށް ނުވައްދައި ހުރިކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި އެ ދެ ބިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ރެކޯޑުކޮށްފިނަމަ އެއީ ގާނޫނާ ހިލާފުކަމަކަށްވާނެ ކަމުގައިވެސް އުޝާމު ވިދާޅުވި އެވެ.
އުޝާމު އިތުރަށް ފާހަގަކުރެއްވީ ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ދަށުން ހަރަދުކުރަންޖެހޭނީ އެ އަހަރަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ އެއްގޮތަށް ކަމުގައި ބަޔާންކޮށްފައި އޮތް ނަމަަވެސް ކޮންމެ އަހަރަކުވެސް ޖެހިގެން އަންނަ އަހަރުގެ ބަޖެޓާއެކު ކުރިން ކުރި ހަރަދުތައް ސަޕްލިމަންޓަރީ ބަޖެޓެއްގެ ގޮތުގައި ކުރީ ސަރުކާރުން ހުށަހަޅަމުންދިޔަ ކަމަށެވެ.
"ހަރަދުކުރުމަށްފަހު ސަަޕްލިމެންޓުކުރުމަށް ބަޖެޓު ހުށަހަޅަނީ. މިއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް. ހަރަދުކުރުމަށްފަހު ބަޖެޓު ސަޕްލެމެންޓުކުރަން ހުށަހެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް. އެއިރު މަޖިލީހުގެ ރިޔާސަތުން މި މައްސަލަ ނަގައިގެން ވަރަށް ގިނައިން އެވާހަކަ ދެއްކި. އަޅުގަނޑުމެންވެސް ވަރަށް ގިނައިން އެވާހަކަދެއްކިން،" އުޝާމް ވިދާޅުވި އެވެ.
މިހާރު މިފަދައިން ދައުލަތުގެ ހިސާބުތައް ރެކޯޑުނުކޮށް އޮތް މައްސަލަ އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅުއްވާފައިވާ ކަމަށާއި، އަދި އެކަމާ ގުޅިގެން ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ރިޕޯޓެއް އެ އޮފީހުން ތައްޔާރުކޮށް ހުށަހެޅުމުން ދެން ކަންކުރަންވީ ގޮތެއް އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ސަރުކާރުން ނިންމާނެ ކަމަށެވެ.
"ބޮޓޮމް ލައިނަކީ މީގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ހިނގާއި އެބަހުރި. ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ހިލާފަށް އަދި މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފު ކަންތައްތަކެއް ހިނގާފައި އެބަހުރި. މިފަރާތްތަކުގެ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" އުޝާމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތައް ބެލެެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި، އެފަދަ ކަންކަން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.