ރާއްޖޭގެ އެކްސްޕޯޓުގެ %41.5 ތައިލޭންޑަށް

ރާއްޖޭގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓުކުރާ ތައިލެންޑާއި އިނގިރޭސިވިލާތާއި ޖަރުމަނަށް އެކްސްޕޯޓުކުރި އަދަދުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެންމެ ގިނައިން އެކްސްޕޯޓުކުރާ ހުރިހާ ގައުމަކަށް އެކްސްޕޯޓުކުރި މިންވަރުވަނީ ދަށްވެފައި

ރާއްޖެއިން އެކްސްޕޯޓުކުރި ދިވެހި އުފެއްދުންތަކުގެ 41.5 އިންސައްތަ މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖަނަވަރީން އޯގަސްޓު މަހުގެ ނިޔަލަށް އެކްސްޕޯޓުކުރި ދިވެހި އުފެއްދުންތަކުގެ އަދަދު (ޑޮމެސްޓިކް އެކްސްޕޯޓު) ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ފާއިތުވި އަހަރު 116.3 މިލިއަން ޑޮލަރުގެ ދާހިލީ އުފެއްދުން ބޭރުކުރިއިރު މި އަހަރު އެ އަދަދުވަނީ 66.7 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. 

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދާހިލީ އުފެއްދުންތައް ބޭރުކުރި މިންވަރާ އަޅާބަލާއިރު މި އަހަރު ދާހިލީ އުފެއްދުންތަކުގެ އެކްސްޕޯޓުވަނީ 42.7 އިންސައްތައިން މަދުވެފަ އެވެ. 

ރާއްޖެއިން މުދާ އެކްސްޕޯޓުކުރި ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން އެ ގައުމަށް މި އަހަރުގެ އެ މުއްދަތުގައި 27.7 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ. ތައިލޭންޑަށް އެންމެ ގިނައިން ބޭރުކުރަނީ ތާޒާ/ ގަޑުކުރި މަހުގެ ބާވަތްތަކެވެ. ހާއްސަކޮށް ކަނޑުމަހުގެ ބާވަތްތަކެވެ. 

މި އަހަރު ރާއްޖެއިން އެކްސްޕޯޓުކުރި ދާހިލީ އުފެއްދުންތަކުގެ 41.5 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އަދި މި އަހަރު ރާއްޖެއިން އެކްސްޕޯޓުކުރި މަހާއި މަހުގެ އުފެއްދުންތަކުގެ އަގަކީ 59.5 މިލިއަން ޑޮލަރުކަމަށްވާއިރު ތައިލޭންޑަށް އެކްސްޕޯޓުކުރީ މުޅިން މަހުގެ އުފެއްދުންތައްކަމަށްވާނަމަ އެއީ ބޭރުކުރި މަހުގެ އުފެއްދުންތަކުގެ 46.5 އިންސައްތަ އެވެ. 

ފާއިތުވި އަހަރާ އަޅާބަލާއިރު ތައިލޭންޑަށް ބޭރުކުރި މުދަލުގެ އަދަދުވަނީ މަދުވެފަ އެވެ. އެގޮތުން ފާއިތުވި އަހަރުގެ އޯގަސްޓުގެ ނިޔަލަށް ތައިލޭންޑަށް 62.2 މިލިއަން ޑޮލަރުގެ މުދާ ބޭރުކުރި އެވެ. އެއީ އެ އަހަރުގެ ދާހިލީ އެކްސްޕޯޓުގެ 53.4 އިންސައްތަ އެވެ. މިއަހަރު ތައިލޭންޑަށް އެކްސްޕޯޓުކުރީ 27.7 މިލިއަން ޑޮލަރުގެ މުދަލެވެ. އަހަރުން އަހަރަށް ބަލާއިރު ތައިލޭންޑަށް އެކްސްޕޯޓުކުރި މިންވަރުވަނީ 55.5 އިންސައްތަ ދަށްވެފަ އެވެ. 

ދެވަނައަށް އެންމެ ގިނައިން ދިވެހިރާއްޖެއިން މުދާ ބޭރުކުރީ އިނގިރޭސިވިލާތަށެވެ. އެ ގައުމަށް 12.6 މިލިއަން ޑޮލަރުގެ މުދާ ބޭރުކުރި އެވެ. އެއީ ފާއިތުވި އަހަރު އެގައުމަށް އެކްސްޕޯޓުކުރި 16.2 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 27.6 އިންސައްތައިގެ ވެއްޓުމެކެވެ. 

މި އަހަރުވެސް ތިންވަނައަށް އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓުކުރީ ޖަރުމަނަށެވެ. އެގައުމަށް މި އަހަރު 6.9 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކުރި އެވެ. އެއީ ނިމުނު އަހަރު އެ ގައުމަށް އެކްސްޕޯޓުކުރި 9.5 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 27.6 އިންސައްތައިގެ ދަށްވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.