ނިމުނު އަހަރާ އަޅާަބަލާއިރު މި އަހަރު ޗައިނާއިން އިމްޕޯޓުކުރި މުދަލުގެ އަގު މައްޗަށް ގޮސްފައިވާއިރު، އިންޑިޔާއިން އިމްޕޯޓުކުރި މުދަލުގެ އަގު ދަށްވެފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކަ އެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރު ފާއިތުވި އަހަރަށްވުރެ 20 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރާ ހިސާބުތަކަށް ބަލާއިރު މި އަހަރު ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއިންނެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިޔާއިންނެވެ.
އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރާ އަޅާބަލާއިރު ޔޫއޭއީން ރާއްޖެއަށް މުދާ އެތެރެކުރި މިންވަރުވަަނީ ގާތްގަނޑަކަށް 35.5 އިންސައްތަ އިތުރުވެފަ އެވެ. ނިމުނު އަހަރު ޔޫއޭއީން ރާއްޖެއަށް އެތެރެކުރީ 295.8 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރު އެ އަދަދުވަނީ 401.1 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
އަހަރުން އަހަރަށް ބަލާއިރު ޗައިނާއިން މުދާ އެތެރެކުރި މިންވަރު 20 އިންސައްތަ އިތުރުވެފައިވެ އެވެ. އެގޮތުން ނިމުނު އަހަރު ޗައިނާއިން ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 254.7 މިލިއަން ޑޮލަރުގެ މުދަލެވެ. ނަމަވެސް މި އަހަރު 307.7 މިލިއަން ޑޮލަރުގެ މުދާ އެ ގައުމުން އިމްޕޯޓުކުރި އެވެ.
ރާއްޖެއަށް މި އަހަރު ދެވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓުކުރި އިންޑިޔާއަކީ ނިމުނު އަހަރު އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމެވެ. ނަމަވެސް މި އަހަރު އިންޑިޔާއިން ރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރު ދަށްވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.
ނިމުނު އަހަރު އިންޑިޔާއިން 366.6 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މި އަހަރު އެ ގައުމުން އިމްޕޯޓުކޮށްފައިވަނީ 350.4 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 4% ދަށްވުމެކެވެ.