ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާ އެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނަން ވަނީ ނިންމާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާ އެކު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓާ ޕްލޭނެއް އެކުލަވާލަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ގައި ކަމަށް ވިދާޅުވި އެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާ އެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މި މާސްޓާ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ޕްލޭން ގައި ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ބުންޏެވެ.
ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޕްލޭނެއް އެކުލަވާލަން ނިންމިއިރު ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ރައީސް ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 24، 2024 އިން ފެށިގެން މަނާ ކުރުމަށާ ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
ރާއްޖޭގައި ވޭޕު ކުރުން ވަނީ ވަރަށް ބޮޑު ފެޝަނަކަށް ވެފަ އެވެ. ވަރަށް ޒުވާން އުމުރުގައި ގިނަ ބަޔަކު ވޭޕު ކުރަން ފަަށަ އެވެ. ފިިރިހެނުންގެ އިތުރުން ވަރަށް ގިނަ އަންހެނުން ވެސް ވޭޕް ކުރެ އެވެ. ސުކޫލުގައި އުޅޭ ވަރަށް ގިނަ ދަރިވަރުންނަކީ ވެސް ވޭޕު ކުރާ ކުދީންނެވެ.
ސަރުކާރުގެ މި ނިންމުން އައީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުުރުމަށް ޑޮކްޓަރުންގެ ޖަމިއްޔާ އާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ސުކޫލުތަކުގެ ވެރީންނާއި ސިއްހީ ދާއިރާގެ ހޭލުންތެރި ކަމަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި އާންމުން ވެސް އެކަމަށް ގޮވާލަމުން ދަނިކޮށެވެ.
ކަސްޓަމްސްގެ ހިސާބުތަކުން އެނގޭ ގޮތުގައި 2022 ވަނަ އަހަރު ދުންފަތް ހިމެނޭ 356 މިލިއަން ސިނގިރެޓް ރާއްޖެ އެތެރެ ކުރަން 251 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވެ އެވެ. ނުވަތަ ކުރުކޮށް ބުނާނަމަ 251 މިލިއަން ރުފިޔާގެ ސިނގިރެޓް އެ އަހަރު ވަނީ ރާއްޖެ އަށް އެތެރެކޮށްފަ އެވެ.
ޑިއުޓީގެ ގޮތުގައި އެ އަހަރު ދައުލަތަށް ސިނގިރެޓުން 1.1 ބިލިއަން ރުފިޔާ ދެއްކި އެވެ. އަދި މިދިޔަ 2023 ވަނަ އަހަރު 350 މިލިއަން ސިނގިރެޓް ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. މި ތަކެތި އެތެރެ ކުރަން 265 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ އަހަރު ވެސް 1.1 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ސިނގިރެޓުން ޑިއުޓީގެ ގޮތުގައި ލިބިފަ އެވެ.
އަދި 200 ޕަސެންޓުގެ ޑިއުޓީއެއް ދައްކާ "އީ- ސިނގިރޭޓު" ގެ 55،000 ކިލޯ ގްރާމް ނުވަތަ 61 ޓަނުގެ ތަކެތި 2022 ވަނަ އަހަރު ރާއްޖެ ވަނީ އެތެރެކޮށްފަ އެވެ. އަދި މި ތަކެތި އެތެރެކުރަން އެ އަހަރު 9.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ޑިއުޓީގެ ގޮތުގައި އެ އަހަރު 16 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ދައްކާފަ އެވެ.
ޖެހިގެން އައި 2023 ވަނަ އަހަރު 4،760 ކިލޯގްރާމްގެ މިފަދަ ތަކެތި އެތެރެކޮށްފައިވެ އެވެ. މި ތަކެތީގެ އަގު 9 މިލިއަން ރުފިޔާ އަށް އަރާއިރު ދައުލަތަށް ޑިއުޓީގެ ގޮތުގައި މިދިޔަ އަހަރު ވެސް 16 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.