ބަންކަރިން ވިޔަފާރިއަށް ދިރުން | ޗައިނާގެ ބޯޓަކަށް 1،000 ޓަނުގެ ތެޔޮ ވިއްކައިފި

މި ބޯޓަކީ ކުރިން ސްރީލަންކާގެ ބަނދަރުން ބަންކަރިން ހޯދާ ބޯޓެކެވެ. ނަމަވެސް ދެން މި ބޯޓުން ތެޔޮ އަޅާނީ ރާއްޖޭން ނެވެ.

އެސްޓީއޯއިން ބަންކަރިން ހިދުމަތް ދޭ ބޯޓެއް : ބުރާސްފަތި ދުވަހު ވަނީ ބޯޓަކަށް ތެޔޮ ފޯރުކޮށް ދީފަ -- އެސްޓީއޯ

ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ކުންފުންޏާއެކު އެސްޓީއޯ އިން ރާއްޖޭގައި ފެށި ބަންކަރިން ވިޔަފާރިއަށް ލިބޭ ހުށަހެޅުންތައް ދަނީ އިތުރުވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބަންކަރިން ވިޔަފާރި ފެށި ފަހުން ފުރަތަމަ ފަހަރަށް ބޭރުގެ ބޯޓަކަށް ތެޔޮ ވިއްކާފަ އެވެ. 

"ދަ މިރާ" އަށް އެނގިފައިވާ ގޮތުގައި ކުރިން ސްރީލަންކާގެ ބަނދަރުން ތެޔޮ އަޅަމުން ދިޔަ ޗައިނާގެ ބިޔަ މި ބޯޓުން ވަނީ ރާއްޖޭގެ ބަންކަރިން ވިޔަފާރި އަށް އެނބުރިފަ އެވެ. އެ ކުންފުނިން ވަނީ ބުރާސްފަތި ދުވަހު މެދުއިރުމައްޗަށް ކުރި ދަތުރުގައި ރާއްޖެ އަށް މަޑުކޮށް ތެޔޮ އަޅާފަ އެވެ. 

މި ބޯޓަކީ ކުރިން ލަންކާއިން ބަންކަރިން ހޯދާ ބޯޓެއް

އިހަވަންދިއްޕޮޅުގައި އޮންނަ އެސްޓީއޯގެ 4،000 މެޓްރިކް ޓަނުގެ ދެ ތެޔޮ އުޅަނދުގެ ތެރޭން އެއް އުޅަނދުން ވަނީ މި ބޯޓަށް 1،000 ޓަނުގެ ތެޔޮ ވިއްކާފަ އެވެ. އަދި މިހާރު ވެސް ރާއްޖޭން ތެޔޮ އަޅަން ގިނަ ހުށަހެޅުންތަކެއް ލިބެމުންދާ ކަމަށް އެނގިފައިވެ އެވެ. 

ރާއްޖެ އާ އިގްތިސޯދަކަށް ފުރޮޅާލަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުން ބަންކަރިންގެ ވިޔަފާރި ފެށީ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. ރާއްޖޭން މި ހިދުމަތް ދެނީ ރާއްޖެ އޮންނަ ތަނުގެ ގޮތުން ރާއްޖޭގެ އުތުރުން 8 ޑިގުރީ ޗެނަލުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތުރުކުރާ ރޫޓުން ބޭރުނުވެ ރާއްޖެއަށް ކަައިރިކޮށް އޮފްޝޯވްކޮށް ބަންކަރިން ހިދުމަތް ހޯދޭނެ ގޮތަށެވެ. އެގޮތުން ހއ. ހޯރަފުށީގައި ވަނީ އެކަން ފަށައި ގަންނަން ބޭނުންވާނެ އަސާސީ ވަސީލަތް ގާއިމްކޮށްފަ އެވެ. 

ރާއްޖޭން ދަނީ ބަންކަރިންގެ ހިދުމަތުގައި އާގު ބޯޓު ފަހަރަށް ފޯރުކޮށްދެނީ އެމްޖީއޯ މެރިން ގޭސް އޮއިލް އާއި ވީއެލްއެސްއެފްއޯ ފިއުލް އޮއިލް ފޯރުކޮށްދެމުންނެވެ. 

މި ވިޔަފާރި ރާއްޖޭން ފެށިއިރު މިކަމަށް ރާއްޖެ އަށް ގިނަ އެޑްވާންޓޭޖްތަކެއް ހުރި ކަމަށް އެސްޓީއޯއާއެކު މި ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ވިޓޯލް އިން ބުނެފައިވެ އެވެ. 

ރާއްޖެ އަށް ބަންކަރިން ތެޔޮ ވިއްކާ ވިޓޯލްގެ އިންޓަނޭޝަނަލް ޝިޕިން އެންޑް ބަންކަރިން މެނޭޖިން ޑިރެކްޓާ ރިޝާބް ބާލް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އަށް އޮތް ދެވަނަ އެޑްވާންޓޭޖަކީ ރާއްޖެއަކީ މުޅިން އަލަށް ބަންކަރިން ހިދުމަތް ފޯރުކޮށްދޭން ފަށާ ގައުމަކަށްވުމުން ހިދުމަަތް ހޯދާ އުޅަނދުފަހަރު ތޮއްޖެހިފައި އޮންނަ މިންވަރު ކުޑަވުމެވެ. 

ބަންކަރިންއަށް އިތުރު ބުކިން ދަނީ ލިބެމުން

އިންޑިޔާ އަދި ލަންކާގެ ބަނދަރުތަކުގައި ތޮއްޖެހުން ބޮޑުވުމުގެ ސަބަބުން އުޅަނދުފަހަރު މަޑުކުރަންޖެހޭ މިންވަރުވެސް ވަރަށް ގިނަ އެވެ. ބައެއްފަހަރު ހަފުތާ ދެ ހަފުތާ މަޑުކުރަންޖެހުމުގެ ސަބަބުން ދަތުރަށް ކުރިން އަންދާޒާކުރާ މިންވަރަށް ގިނަ ވަގުތު ހޭދަވެ، ހަރަދުވެސް އިތުރުވެ އެވެ. އެހެންކަމުން އެކަމުން ސަލާމަތްވުމަށް ރާއްޖެ އިހުތިޔާރުކުރުމުގެ ފުުރުސަތު އެބައޮތެވެ. 

އަނެއް އެންމެ ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ރާއްޖެއަށް އޮތް އެޑްވާންޓޭޖަކީ އެ ހިދުމަތް ފެށުމަށް ރާއްޖެއިން އިހުތިޔާރުކުރި ޕާޓްނަރު ވިޓޯލެވެ. ވިޓޯލަކީ ރޮޓަޑަމްއާއި، ފުޖެއިރާ އަދި ސިންގަޕޫރާއި އެނޫންވެސް ބައެއް ބޮޑެތި ބަންކަރިން ހަބުތަކުގައި ހިދުމަތް ދެމުން އަންނަ އެ ދާއިރާގައި 50 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެ ކުންފުނިން މި ސަރަހައްދުގައި ބަންކަރިން ހިދުމަތް ދިނުމުގައި ޝާމިލުވާނެ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. 

ބަންކަރިން މަސައްކަތަކީ ހިދުމަތް ފެށުމުގެ ވަށައިގެން ގިނަ ހިދުމަތްތަކެއް އޮންނަ ވިޔަފާރިއެކެވެ. އެކަމުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ކަސްޓަމްސް އާއި އިމިގްރޭޝަން އެވެ. އެސްޓީއޯ ނަގާފައި ދެން އެންމެ އިސް ދައުރެއް އަދާކުރާނެ ކުންފުންޏަކީ އެމްޕީއެލް އެވެ. އެ ކުންފުނިން މިހާރު ވަނީ އުތުރަށް ބޭނުންވާ ބައެއް އުޅަނދުތައް ވެސް ގެންގޮސްފަ އެވެ. އަދި ބައެއް ހިދުމަތްތައް ވެސް ގާއިމްކޮށްފަ އެވެ. ބަންކަރިން ހިދުމަތް ރާއްޖޭގައި ފަށާއިރު ރާއްޖެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 300-400 އާ ދެމެދުގެ އަދަދަކަށް އާގު ބޯޓު ހުރަސްކުރެ އެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ވިޔަފާރި ފަށާތާ އަހަރެއްގެ ތެރޭ އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު އިގްތިސޯދަށް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.