އެމްޑީޕީ ސަރުކާރުން ވަނީ ހުޅުމާލޭގައި ހުރި އެޗްޑީސީގެ ގިނަ އެސެޓްތަކެއް ހިލޭ ގޯތި ދޭން ދޫކޮށްފަ އެވެ. މިކަމުގެ ސަބަބުން ހުޅުމާލެ ޕްލޭން ގެއްލި ހިތްގައިމު އެ ރަށް އޮތީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގަ އެވެ.
ސަރުކާރުން އެޗްޑީސީގެ ލޯނަކަށް ގެރެންޓީ ދޭން މަޖުބޫރިވީ އެ ކުންފުނީގެ އެސެޓުގެ ގޮތުގައި ހުޅުމާލޭގައި ހުރި ގިނަ ބިންތަކެއް އެމްޑީޕީ ސަރުކާރުން ބަހާލުމުން ކަމަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އެޗްޑީސީއިން ހަބީބް ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދިނުމާ ގުޅިގެން އެމްޑީޕީގެ މެންބަރު ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މާލިއްޔަތު ކޮމެޓީގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ކުރީގެ ނޫސްވެރިޔާ އަޒާން ވިދާޅުވި ގޮތުގައި އެޗްޑީސީގެ ލޯނަކަށް ގެރެެންޓީ ދޭން މަޖުބޫރުވީ ހުޅުމާލޭގައި ހުރި އެޗްޑީސީގެ އެސެޓް ކަމަށްވާ ބިންތައް ގޯތިދޭން އެމްޑީޕީ ސަރުކާރުން ބަހާލުމުންނެވެ.
"ގޯތިތައް [ބިންތައް] ބަހާލުމުން އެ ކުންފުނީގައި މިހާރު އަމިއްލަ ޒާތުގައި ލޯނު ނެގުމަށް އެއްވެސް އެސެޓެއް ނެތް. އެހެންވެ ސޮވެރިން ގެރެންޓީ ނުދީ ލޯނެއް ނެގޭނެ ގޮތެއް ނޯންނާނެ ނޫންތޯ،" އަޒާން ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ މާސްޓަ ޕްލޭން ބަދަލުކޮށް އެޗްޑީސީގެ އެސެޓުގެ ގޮތުގައި ހުރި ގިނަ ބިންތަކެއް ސިޔާސީ ބޭނުމަށް ގޯތިދީފަ އެވެ. މި ގޯތި ދިނުމާ ގުޅިގެން ހުޅުމާލެ ލޭންޑް ޔޫސް ޕްލޭން ގެއްލި އެތަން ވަނީ ތޮއްޖެހިފަ އެވެ. އެތަނުގައި ކުރިން ހުސްބިންތަކުގައި ހުރި ތަންތަނުން ދިން ގޯތިތަކާއެކު މުސްތަގުބަލުގައި ގިނަ މައްސަލަތަކެއް ނުކުންނާނެ ކަމަށް ތަޖުރިބާކާރުން ދަނީ އިންޒާރު ދެމުންނެވެ.