އޮޑިޓު އޮފީހުން ފޮނުވި ބަޖެޓަށް ރިއާޔަތްކޮށް، ބައެއް ކަންކަމަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަދަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ލަފާ ދީފައިވެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހަށް 99.5 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ހަމަޖައްސައިދިނުމަށް އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކޮންމެ އަހަރަކުވެސް އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ފޮނުވަނީ ދައުލަތުގެ ބަޖެޓާ ވަކިންނެވެ. އަދި އެ އޮފީހުން އެދޭ ބަޖެޓު ފޮނުވުމުން މާލިއްޔަތު ކޮމިޓީން ބަޖެޓު ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓާއެކު އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ފާސްކުރެ އެވެ.
އަންނަ އަހަރަށް އޮޑިޓު އޮފީހުން ލަަފާކޮށްފައިވަނީ ޖުމްލަ 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދުގެ އިތުރަށް ހުޅުމާލޭގައި އަޅާ އެ އޮފީހުގެ އައު އިމާރާތަށް ހިނގާނެ ހަރަދުތައް ހިމަނާފައިވެ އެވެ.
މި ބަޖެޓާ ގުޅިގެން މާލިއްޔަތު ކޮމިޓީންވަނީ ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދިފަ އެވެ. ބަޖެޓު ސީލިން ނުވަތަ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި އޮޑިޓު އޮފީހުގެ ބަޖެޓުގައި ހިމެނުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވަނީ 64.4 މިލިއަން ރުފިޔާ އެވެ.
ނަމަވެސް އޮޑިޓު އޮފީހުން ފޮނުވި ބަޖެޓަށް ރިއާޔަތްކޮށް، ބައެއް ކަންކަމަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަދަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ލަފާ ދީފައިވެ އެވެ. އެގޮތުން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ 4 މިލިއަން ކުޑަކުރަން ފިނޭންސްއިން ލަފާދީފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެފަދައިން ވަކިވަކިން މުއައްސަސާތަކުން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ގާނޫނުގެ ތެރެއިން ނުކުރެވޭނެ ކަމަށެވެ. އަދި އެފަދައިން މުއައްސަސާތަކުން މުސާރަ ބޮޑުކުރުމަކީ ދައުލަތުގެ މުސާރަތައް ހާމަނައިޒްކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ދަތިވާނެ ކަމެއް ކަމުގައިވެސް ބުނެފައިވެ އެވެ.