އިންޑިޔާގެ އެޖެންޓުން ކެނަޑާގެ އާންމު ސަލާމަތަށް ނުރައްކާވާފަދަ އިޖުރާމީ އަމަލުތައް އެ ގައުމުގެ ފަސްގަނޑުގައި ހިންގަަމުންދާކަމަށް ކެނަޑާއިން ގަބޫލުކުރެ އެވެ.
އިންޑިޔާ ސަރުކާރުގެ އެޖެންޓުންތަކެއް ކެނަަޑާގައި އަނިޔާވެރިކަމުގެ ކެމްޕެއިނެއް ހިންގިކަމަށް ކެނަޑާގެ ފެޑެރަލް ފުލުހުން ތުހުމަތުކުރުމާއެކު، އެ ގައުމުގައި މަސައްކަތްކުރާ އިންޑިޔާގެ ހަ ޑިޕްލޮމެޓަކު ގައުމު ދޫކޮށް ދިއުމަށް ކެނަޑާއިން އަންގައިފި އެވެ.
ހޯމަދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ ތަހުގީގުން ކެނަޑާގެ އާންމު ރައްކާތެރިކަމަށް ގެއްލުންވާ ފަދަ ހަރަކާތްތަކެއްގައި އިންޑިޔާގެ އެޖެންޓުންތަކެއް ބައިވެރިވިކަމުގެ ސާާފު އިތުބާރުކުރެވޭ ހެކި ލިބިފައިވާ ކަމަށެވެ.
"ޖާސޫސްކޮށް މައުލޫމާތު އެއްކުރުމުގެ އުސްލޫބުތައް ބޭނުންކުރުމާއި، ކެނަޑާގެ ދެކުނު އޭޝިޔާ ރައްޔިތުންނަށް ކަންކަން މަޖުބޫރުކުރުވައިގެން ކުރުމާއި، މީހުން މެރުން ހިމެނޭހެން ބިރުވެރިކަމާއި އަނިޔާވެރިކަން ހިމެނޭ އެތައް އަމަލެއްގައި ބައިވެރިވުން ފަދަަ ކަަންކަން އިންޑިޔާ އެޖެންޓުން ހިންގާފައިވޭ،" ޓްރޫޑޯ ތުހުމަތު ކުރެއްވި އެވެ.
އަދި ފުލުހުންގެ ތަހުގީގުން ތިލަކޮށްފައިވާ ހެއްކަކީ އެއާމެދު އަޅައިނުލާ ދޫކޮށްލެވޭނެ ހެކިތަކެއް ނޫން ކަމަށާއި، އެކަންކަމުގެ އަލީގައި އޮތް ހަމައެކަނި ހިޔާރަކީ ކެނަޑާގެ އާންމު ރައްކާތެރިކަމަށް ނުރައްކާވާ މިފަދަ އިޖުރާމީ އަމަލުތައް ހުއްޓުވުން ކަމަށް ޓްރޫޑޯ ވިދާޅުވި އެވެ.
ކެނަޑާގެ ނިންމުމާ ގުޅިގެން އިންޑިޔާއިންވެސްވަނީ ކެނަޑާގެ ހަ ޑިޕްލޮމެޓެއް ގައުމު ދޫކޮށް ދިއުމަށް އަންގާފަ އެވެ. އެގޮތުން އިންޑިޔާގައި ހުންނަވާ ކެނަޑާގެ ވަގުތީ ހައިކޮމިޝަނަރުވެސް ގައުމު ދޫކުރައްވައި ވަޑައިގަތުމަށް އިންޑިޔާގެ ހާރިޖީވުޒާރާއިން އަންގާފައިވެ އެވެ. އެ ބޭފުޅުންނަށް ހޮނިހިރުދުވަހާ ހަމައަށް މުހުލަތު ދީފައިވެ އެވެ.
ކެނަޑާގައި ހުންނަވާ އިންޑިޔާގެ އެންމެ އިސް ޑިޕްލޮމެޓާއި އެހެން ބައެއް ބޭފުޅުން އަނބުރާ ގައުމަށް ގެންނަން އިންޑިޔާއިން ނިންމާފައިވެ އެވެ. އެގައުމުން ބުނި ގޮތުގައި އެ ނިންމުން ނިންމީ އެ ބޭފުޅުންނާމެދު ކެނަޑާއިން ތަހުގީގުތައް ފަށާފައިވާތީ އެވެ.
އިންޑިޔާ ކެނަޑާ ގުޅުން 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ހީނަރުވެފައިވެ އެވެ. އެ ގުޅުން ހީނަރުވީ އިންޑިޔާގައި ސިކުންނަށް ވަކި ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރާ ލީޑަރެއްކަމަށްވާ ހަރްދީޕް ސިންހް ނިޖާރު ކެނަޑާގެ ފަސްގަނޑުގައި އިންޑިޔާގެ އެޖެންޓުންތަކެއްގެ ބައިވެރިވުމާއެކު ގަތުލުކުރިކަމުގެ އިތުބާރުކުރެވޭ ހެކިތަކެއް ލިބިފައިވާކަމަށް ޓްރޫޑޯ ވިދާޅުވުމާ ގުޅިގެންނެވެ.
މުސްތަގިއްލު ކަލިސްތާނު ދައުލަތުގެ ނަމުގައި އިންޑިޔާގައި ސިކުންނަށް ވަކި ދައުލަތެއް ގާއިމުކުރުމަށް ތާއީދުކުރައްވާ ނީޖާރަކީ 2020 ވަނަ އަހރުގެ ޖުލައި މަހުން ފެށިގެން އިންޑިޔާ ސަރުކާރުން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ ބޭފުޅެކެވެ.
އިންޑިޔާއިން އަންނަނީ އެ ގައުމާމެދު ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރަމުންނެވެ. އަދި އިންޑިޔާގެ ސަފީރާއި އެ ގައުމުގެ ޑިޕްލޮމެޓުންނާމެދު ކެނަޑާއިން ކަންކަން ކުރަނީ އިހާނެތިކޮށް ކަމުގައިވެސް އިންޑިޔާއިން ބުނެ އެވެ.